ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތް ރައްކައުތެރިކުރުމަކީ އަންނަން އޮތް ޖީލަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މަޝްހޫރު ދިވެހި ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ ކުރެހުންތަކުގެ ސޯލޯ އެގްޒިބިޝަން، "ޖަރނީ"އަށް ވަޑައިގެން ކުރެހުންތައް ބައްލަވައިލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެއެވެ.
މި މައުރަޒަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ މަނާގެ ޢަބްދުﷲ ފާއިޒްގެ ކުރެހުންތަކެއް ހިމެނޭ މައުރަޒެކެވެ. މި މައުރަޒުގައި ދިވެހި ރާއްޖޭގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ އެތައް ކުރެހުންތަކެއް ވަނީ ޑިސްޕްލޭ ކުރެވިފައެވެ. މިމަހުގެ 18 ވަނަ ދުވަހު ހުޅުވި މި މައުރަަޒު މިމަހުގެ 28 ވަނަ ދުވަހާ ހަމަޔައް ކުރިއަށްދާނެއެވެ. މި މައުރަޒުގައި 80 އާއި 100 ދެމެދުގެ އަދަދެއްގެ ކުރެހުން ވަނީ ޑިސްޕްލޭކޮށްފައެވެ. މި ކުރެހުންތައް ޑިސްޕްލޭކޮށްފައިވަނީ ދުނިޔޭގެ އެހެން ތަންތާނގައިވެސް އާރޓް ގެލެރީތަކުގައި އަދި މައުރަޒުތަކުގައި ކުރެހުންތައް ޑިސްޕްލޭކޮށްފައިވާ ފެންވަރަށެވެ.
ފާއިޒްގެ ކުރެހުންތައް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހި ތާރީޚާއި ސަގާފަތް ރައްކައުތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވީ މިސަރުކާރުން ކަމަށެއެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގައި ތާރީޚާއި ސަގާފަތް ރައްކައޔތެރިކުރެވެމުންދާ ކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތް ރައްކައުތެރިކުރުމަކީ އަންނަން އޮތް ޖީލަށް ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ކުރެހުންތެރިންގެ މަސައްކަތް ބަލައިގަނެ އެފަރާއްތަކަަށް އާމްދަނީއެއް ހޯދޭނެ ގޮތް ފަހިކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ކުރެހުމުގެ މަސައްކަތަކީ މިޒަމާނުގައި ޕްރޮފެޝަނަލް ގޮތެއްގައި ކުރެވޭނެ މަސައްކަތެއްކަމަށެވެ.
ރާއްޖެއަކީ ބޭރުގެ އެތައް ބަޔަކު ޒިޔާރަތްކުރާ ގައުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހި ރާއްޖޭގެ ރީތިކަމާއި ރާއްޖޭގެ ތާރީޚު އެމީހުނަށް ދައްކާލުން މުހިންމުކަމަށެއެވެ. އަދި ކުރެހުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރުސަތުދީ އެ ފަރާތްތަކުގެ މަސައްކަތް ބޭރުގެ ފަރާތްތަކަށް ދައްކާލުން މުހިންމުކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެއަށް މިހާރު އެބައާދޭ އެކި ވަތްތަރުގެ ކްލަޔަންޓުން. ބޭރުގައި ތިބޭ ބޮޑެތި ސެލިބްރިޓީ. ރާއްޖޭގެ ޓޫރިޒަމް މި ސިފަކުރަނީ މި ލުއިވިޓޯން އޮފް ރިސޯޓްސްހެން. މިފަދަ ގޮތަކަށް އޮންނައިރު މި މުސްއަނދިން އަންނައިރު ކްރިއޭޓިވް މީހުންގެ އާރޓް މި ވިސްނަނީ މި ބޭފުޅުން ހަމަ ގެންދަވަންވީއޭ އެއާރޕޯޓްގަވެސް ހަމަ ޑެޑިކޭޓެޑް އާރޓް ގެލެރީތައް އެއްދިމާލުގައި ބަހައްޓަންވީ. ވީއައިޕީ ނޫނީ އެހެންތަންތާވެސް އޭރުން ހަމަޔަގީން ޓޫރިސްޓުންނަށް އަދި ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިންވެސް މިފަދަ އާރޓް އެ ބޭފުޅުންގެ ކަލެކްޝަންތަކަށް އިތުރުކުރައްވަން ބޭނުންފުޅުވާނެ" މާރިޔާ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ޢަބްދުﷲ ފާއިޒް ވިދާޅުވީ ކުރެހުމަކީ އަބަދުވެސް ކުރައްވާހިތްވާ މަސައްކަތެއްކަމަށެވެ. އަދި އަބަދު ވެސް ދިވެހި އާސާރީ ތަންތަން ބަލައި، ތާރީޚު ދެނެގަތުމަކީ ކުރައްވާހިތްވާ ކަމެއްކަމަށެވެ. އެގޮތުން މި މައުރަޒުގައި ހުރި ކުރެހުންތަކުން ވެސް ހާމަކޮށްދެނީ އެކަން ކަމަށް ފާއިޒް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވީ އެގްޒިބިޝަނެއް ބާއްވަވައި އޭނާގެ ކުރެހުންތައް ވިއްކާ މިފަދަ ގޮތަކަށް މައުރަޒެއްގައި ޑިސްޕްލޭކުރެއްވުމުގެ ޚިޔާލަކީ މީގެ ކުރިން އޭނާ ގެންގުޅުއްވި ޚިޔާލެއް ނޫންކަމަށެވެ. އެހެންވެ އެންމެ ކުރީއްސުރެެ ވެސް ކުރެހި ކުރެހުންތައް ފޮރުވާފައި ބެހެއްޓެވީ ކަމަށެއެވެ.
ކުރެމުގެ ދާއިރާއަށް ޝައުވެރިވާ ކުދިން މިޒަމާނަކީ ކުރެހުން ދަސްކުރަން އުނދަގޫ ޒަމާނެއް ނޫންކަން ފާހަގަކުރައްވައި ފާއިޒް ވިދާޅުވީ އިންޓަރނެޓް ފަދަ ޒަރީޢާއިން މިހާރު ދަސްކުރެވޭނެ ކަމަށެވެ. ކުރެހުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެ މަސައްކަތުގައި ދެމި ތިބުމަށް އިލްތިމާސްކުރައްވަމުން ފާއިޒް ވިދާޅުވީ ރާއްޖޭގައި ކުރެހުމުގެ ދާއިރާގެ ކުރިމަގު ފެންނަން އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ރާއްޖޭގައި ވަރަށް ބޮޑު ފިއުޗަރއެއް ކުރެހުމަށް އެބަފެނޭ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަކީ މުޅިންހެން ޓޫރިޒަމް ބޭސްޑް ގައުމަކަށްވެފައި އަޅުގަނޑުމެންނަށް އާމްދަނީ އެންމެ ބޮޑަށް މިއަންނަނީ ޓޫރިޒަމުން. އަޅުގަނޑުމެންގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ގެސްޓް ހައުސްތައް ހެދިފައި އެބަހުރި. ރިސޯޓްތައްވެސް އެބަހުރި. ދުނިޔޭގައި ނެތް ފެންވަރަށް މިކުޑަކުޑަ ތަންކޮޅަކަށް ޖަމާވެފައި އެބަހުރި. އެހެންވީމާ މި ކަހަލަ އެންވަޔަރަންމަންޓެއްގައި އަޅުގަނޑުމެންގެ ކުރެހުންތައް ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށް މިބަލަނީ. ވަރަށް ގަބޫލްކުރަން ދެން މިއެޒްބިޝަނަށް ވިޒިޓްކުރި ބައެއް ރިސޯޓްތަކުގެ މެނޭޖަރުންނާއި ސަރުކާރުގެ ބައެއް ބޭފުޅުންގެ ވާހަކަފުޅަށް ބަލާއިރު މިކަމުގައި ވަރަށް ރަނގަޅު ފިއުޗާއެއް އޮތްކަމަށް ފެނޭ" ފާއިޒް ބުންޏެވެ.
ފާއިޒް ވިދާޅުވީ މި މައުރަޒު ވެގެންދާނީ ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ބަލާލަން ވަރަށް ހިތްގައިމު މައުރަޒަކަށް ކަމަށެވެ. އަދި މިއީ ސްކޫލް ކުދިންނާއި ކުރެހުމުގެ ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ޝައުގުވެރިވާނެ މައުރަޒަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މައުރަޒުގައި ޑިސްޕްލޭކޮށްފައިވާ ހުރިހާ ކުރެހުމަކީވެސް ފާއިޒްގެ އަމިއްލަ އަތުން ކުރއްސަވައިފައިވާ ކުރެހުންތަކެވެ. އަދި މީގައި ހިމެނޭ ގިނަ ކުރެހުންތަކަކީ ކަޅާއި ހުދުގެ ފޮޓޯތަކުން ފެންނަން ހުރި ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދައްކުވައިދޭ ފާއިޒްގެ އަމިއްލަވަންތަގޮތަށް ކުރަހާފައިވާ ކުރެހުންތަކެވެ.
މިމައުރަޒު ބަލާލުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މިމައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 10:00 އަށެއެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 16:00 ން ފެށިގެން ރޭގަނޑު 11:00 އަށެއެވެ.