ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް މިމަހުގެ 15 ވަނަދުވަހުގެ ކުރިން ދައުވާ ކުރެއްވުމަށް ހުށައަޅުއްވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް ވިދާޅުވެއްޖެއެވެ.
މިއަދު ޕީޖީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ މިމައްސަލަ ކޯޓަށް ހުށައެޅުއްވުމަށްޓަކައި ވެވަޑައިގަންނަވަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެވަޑައިގަންނަވަމުންދާކަމަށެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެމައްސަލަ ކޯޓަށް ހުށައެޅޭވަރުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.
އެހެން ނަމަވެސް ދައުވާ ކުރައްވަނީ ކޮން ބައެއްގެ މައްޗަށްކަން ޕީޖީ ހާމަކުރައްވާފައެއްނުވެއެވެ. މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް ދަތުރުފުޅުކުރެއްވި ލޯންޗްކޮޅުގައި ހިނގި ޙާދިސާގެ ތަޙްޤީޤް ނިންމަވައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވައިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުގައެވެ.
ފުލުހުން މިމައްސަލަ ޕީޖީ އޮފީހަށް ހުށައަޅުއްވައިފައިވަނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި، އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްދެއްވުން އެދިއެވެ. ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައީސް ދަތުރުފުޅުކުރެއްވި ލޯންޗްކޮޅަށް ދިން ހަމަލާގައި، ރައީސްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ރައީސް އޮފީހުގެ އޮފިޝަލެއްގެ އިތުރުން ރައީސްގެ ބޮޑީގާޑަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.