އިންޑިޔާ ގާނޫނު ހަދާ މަޖިލިހުގައި މިހާރު މަޑުޖެހިފައިވާ ބިލުތައް ފާސްކުރުމަށް ސަރުކާރާއި އިދިކޮޅު މެންބަރުންގެ އެހީތެރިކަން ބޭނުންވާކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލިހުގެ މަތިގެ ރާޖްޔާ ސަބާގައި ދެއްކެވި ވާހަކަފުޅުގައެވެ. މޯދީ ވިދާޅުވީ މިހާރު މަޖިލިހުގައި މަޑުޖެހިލާފައިވާ ބިލްތައް ކަމަށްވާ ޖީއެސްޓީ ފަދަ ބިލްތަކަކީ ރައްޔިތުންނާއި ޤައުމީ ތަރައްޤީ އާއި ގުޅިފައިވާ ބިލްތަކެއް ކަމަށާއި އެ ބިލްތަކަކީ އެއްވެސް ސިޔާސީ މަޤްސަދެއް އޮވެގެންވާނޭ ބިލްތަކެއް ނޫންކަމަށެވެ. އަދި، މަޖިލިހުގެ މެންބަރުން މަޖިލިހުގައި ހޭދަކުރައްވާ ވަގުތުތަކަކީ އޭގައި ބިނާ ކުރަނިވި މަސައްކަތްތަކެއް ކުރެވެންޖެހޭ ވަގުތުތަކެއް ކަމަށާއި މަޖިލިހުގެ މަތިގޭގެ ނިންމުންތަކަށް މުޅި ޤައުމު އިންތިޒާރުކުރަމުންދާ ކަމަށްވެސް މޯދީ ފާހަގަކުރެއްވިއެވެ.
މޯދީ ނިސްބަތްވާ ބާރަތްޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ ރާޖްޔާ ސަބާގެ މައިނޯރިޓީ ޕާޓީއެވެ.