މި އަހަރުގެ ފުރަތަމަ 6 މަހު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައިވެސް އެންމެ ގިނައީ ވައްކަމާއި ޓްރެފިކްގެ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަށް ހާމަކުރަން ފެށީންސުރެއް ވައްކަމުގެ މައްސަލަތައް ހުރީ އެވްރެޖްކޮށް 3000 އިން މަތީގައެވެ. 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3973 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މިއަހަރުގެ މިހާތަނަށްވެސް ވައްކަމުގެ 1502 މައްސަލަވަނީ ހުށައެޅިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ 333 މައްސަލައެވެ. މިއީ މިިދިޔަ އަހަރުގެ މިހާތަނަށް އަޅާ ބަލާއިރު 1169 މައްސަލައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޓްރެފިކް މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، އެއްޗެހި ގެއްލިގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.
■ ވައްކަމުގެ 1502 މައްސަލަ
■ ޓްރެފިކް އެކްސިޑެންޓުގެ 1021 މައްސަލަ
■ މަސްތުވާތަކެއްޗާއި ގުޅޭ 908 މައްސަލަ
■ އެއްޗެހި ގެއްލިގެން 754 މައްސަލަ
■ މަކަރާއި ހީލަތް ހެދުމުގެ 318 މައްސަލަ
■ އަނިޔާކުރުމުގެ 287 މައްސަލަ
■ މުދަލަށް ގެއްލުންދިނުމުގެ 248 މައްސަލަ
■ ފޭރުމުގެ 137 މައްސަލަ
■ ޖިންސީ ގޯނާގެ 136 މައްސަލަ
■ ގެވެށި އަނިޔާގެ 103 މައްސަލަ
■ ފޯޖް ކުރުމުގެ 60 މައްސަލަ
■ ޗެކް ބައުންސްވުމުގެ 7 މައްސަލަ
ވައްކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ގޭގެއަށް ޑޯޓުޑޯ ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ފުލުހުން ދަނީ ކުރިއަތް ގެންދަމުންނެވެ.
ރާއްޖޭގައި ޚާއްސަކޮށް މާލޭގައި އާންމުން ދިރިއުޅުމަށް ހާދާފައި ހުންނަ ތަންތަން ބައެއް ފަހަރު އިމާރާތް ކުރެވިފައި ހުންނަ ގޮތުން، ވައްކަމާއި ފޭރުން ފަދަ ކަންކަމަށް ފުރުސަތު އޮންނަ ފުރުޞަތު ބޮޑުކަން ފުލުހުން ފާހަގަކުރެއެވެ. އެހެންކަމުން ވައްކަމެއް ހިނގާ ހިސާބުން ނުވަތަ އެފަދަ ކަމެއް ބަޔަކު ކޮށްފައިވާކަން ޝައްކުކުރެވޭ ހިސާބުން ފެށިގެން އެކަން އަމިއްލައަށް ތަޙުޤީޤު ކުރުމުގެ ބަދަލުގައި، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ ފަހަކަށް އައިސް ރާއްޖޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައްވެސް އިތުރުވަމުންދާތީ، މަގުމަތީގެ ޤަވާއިދުތަކަށާއި އެކްސިޑެންޓްތައް މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ފުލުހުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.