ޚަބަރު

ޤާނޫނު ހެދުމުގެ ބާރުގެ މަސައްކަތް ހުއްޓި ޤާނޫނީ ހުސްކަމަކަށް


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސްފިއެވެ. 19 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް އޮތް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވި ހިސާބުން މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމަށް އެއްބަސްވުމަކަށް ނާދެވި ކޮމެޓީތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހަމަމިއާއިއެކު މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނައިބާއި، ޚާރިޖީ ވަޒީރާއި މަޖިލީހުގެ ރައީސް، އަދި މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަތަކާއިއެކު އުފެދިފައިވާ ސިޔާސީ ބޮޑު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން ޤާނޫނީ ހުއްޖަތް ނެރުއްވައި މަޖިލިސް މިވަނީ ހުއްޓުމަކަށް އައިސް ޤާނޫނީ ހުސްކަމަކަށް އައިސްފައެވެ.

ޤާނޫނު އަސާސީގެ 3 ވަނަ ބާބުގައި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިދީފައިވަނީ ރައްޔިތުން އިންތިޚާބުކުރާ މެމްބަރުން އެކުލެވޭ ރައްޔިތުންގެ މަޖިލީހަށެވެ. ޤާނޫނު އަސާސީގެ މިބާބުގައި ޤާނޫނު ހަދާ މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލަތަކެއް ހުރެމެ މިމަސައްކަތް ނުކުރެވޭ ގޮތަށް މަޖިލިސް ހުއްޓުމަކަށް އައިސްފައިވަނީ ސިޔާސީ އެއްބަސްވުންތަކަކަށް އެއްބަސް ނުވެވިގެނެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކުގެ މައިގަނޑު އަސާސަކީ ވޯޓުން ކަންކަން ނިންމުމެވެ. މަޖިލީހުގައި މިއަދު ދިމާވެފައި އޮތް ބޮޑު މައްސަލައަކީ ވޯޓުން ނިންމަންޖެހޭ ކަންކަމަށް ވޯޓާއި ހަމައަށް ދިއުމުގެ ޖާގަ ނެތުމެވެ. މަޖިލީސް ފްލޯ ކަމަށްވިޔަސް ކޮމިޓީތައް ކަމުގައިވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް މެމްބަރުންގެ ވޯޓަކުން މެނުވީ ނިންމޭނެ އެއްވެސް ހަމައެއް އުސޫލެއް ނެތެވެ.

މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތް ތަފާތު:

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެ ހާލަތުގައި މަޖީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ރައީސް މިކަމުގައި ވިދާޅުވެފައިވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އުޒުރުވެރިވެ ވަޑައިގަންނަވާކަމަށެވެ. މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ތާއީދާއެކުއެވެ.

މިމައްސަލަ ވައްދާފައި ވަނިކޮށް، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިސްނަންގަވައިގެން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ 54 މެމްބަރުންގެ ސޮޔާއިއެކު ވައްދާފައެވެ. ރައީސް ނަޝީދު ދެކެވަޑައި ގަންނަވާ ގޮތުގައި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަކީ މިއީއެވެ. މަޖިލީހުގެ ރައީސާއި، ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅުމަކީ އެމަނިކުފާނު ދެކެވަޑައި ގަންނަވާ ގޮތުގައި ސަރުކާރުން މަޖިލިސް ހުއްޓުވުމަށް ބޭނުންވެގެން ކުރެއްވި ކަމެކެވެ. ރައީސް ނަޝީދު ވަނީ މި ދެމައްސަލައިގެ ތެރެއިން އެއް މައްސަލަ ނަންގަވައި މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދެވުމަށް ސަރުކާރަށް ދަންނަވާފައެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެމްބަރުންގެ ސާފު އަޣުލަބިއްޔަތާއިއެކު ހުށަހަޅާފައި ވީނަމަވެސް ރައީސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނަށް މެމްބަރުންގެ އިތުބާރު ނުގެއްލޭކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މިވަގުތު އިސްތިއުފާދެއްވުމަކީ، ރާއްޖެއާއި، ސިޔާސީ ޕާޓީތައް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އެންމެ ރަނގަޅު ގޮތް ނޫންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

އިތުބާރުނެތް މީހުންނަށް އިތުބާރެއް ނެތް: އަސްލަމް

މަޖިލިސްގެ 54 މެމްބަރުންގެ ސޮޔާއިއެކު ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ދުވަހުން ފެށިގެން މަޖިލީހުގެ ރައީސް ރިޔާސަތާއި ހަވާލުވެވަޑައި ނުގަންނަވައެވެ. ނަމަވެސް ބަރާބަރަށް މަޖިލީހަށް ވަޑައިގެން މަޖިލިސް އިދާރާގެ ކުޑަ ދަށުގައި މެމްބަރުންނާއި ވާހަކަ ދައްކަވައި، ބައްދަލުކުރައްވައި ހައްދަވައެވެ. އަދި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރެއްވުމާއި މަޖިލީހުގެ އެޖެންޑާ ކަނޑައަޅުއްވައި މަޖިލީހުގެ މަސައްކަތްތަކުގައި ޝާމިލުވެ ވަޑައިގަންނަވައެވެ.

ނަމަވެސް މަޖިލީހުުގެ ރިޔާސަތާއި ހަވާލުވެ ވަޑައިގަންނަވަން އެމަނިކުފާނު އުޒުރުވެރިވެ ވަޑައިގަންނަވައެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސަށް މެމްބަރުންގެ އިތުބާރު ނެތުމުން ދައުލަތުގެ އެއްބާރުގެ މަސައްކަތް ހުއްޓުވައި، މަޖިލީހުގައި މަރުތަޅު ނޭޅުވޭނެކަމަށެވެ. ރިޔާސަތަށް އަރާވަޑައިނުގަންނަވާ މަޖިލީސް ހުއްޓުވުމަކީ ދުނިޔޭގެ އެއްވެސް ބެސްޓް ޕްރެކްޓިސްއެއްގައި އޮތްކަމެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅި ނޯޓިސް ހަމަވެފައިވާއިރުވެސް އެމައްސަލަ ކުރިއަށް ނުގެންދިއުމަކީ ގަވާއިދާއި ޚިލާފަށް މަޖިލީސް ހިންގާކަމުގެ ސީދާ ހެއްކެއް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައި އޮވެ މުއްދަތު ހަމަވުމުން އެހެން މަސައްކަތްތައް ގެންދެވޭނީ އެމައްސަލަތައް ނިންމުމަށްފަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ ބާރުވެރިކަމުގައި ތަޅުއަޅުވައިގެން އޮތުމަކީ ބާރުވެރިކަމަކަށް ނުވާނެ. އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް. އެއީ ސާފު މައްސަލައެއް. އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް. މަޖިލީހުގެ ގަވާއިދަށް ބައްލަވާލެއްވުމެއް ނެތް. ޤާނޫނު އަސާސީއަށް ބައްލަވާ ލެއްވުމެއްނެތް. ޤާނޫނަކަށް ބައްލަވާލެއްވުމެއްނެތް." އަސްލަމް ވިދާޅުވިއެވެ.

މަޖިލީސް ކުރިއަށް ގެންދެވޭނެ ގޮތުގެ ހައްލުތަކެއް ދެއްވި:

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ މަޤާމުން ވަކި ކުރެއްވުމަށް މަޖިލީހުގެ 50 މެމްބަރުންގެ ސޮޔާއިއެކު ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމުގެ ތެރެއިން ނުހުއްޓި ކުރިއަށް ދެވޭނެ ޤާނޫނީ ހައްލުތަކެއް މަޖިލީހުގެ އަމީން ޢާންމުވަނީ މަޖިލީހުގެ ރައީސަށް ދެއްވާފައެވެ.

މަޖިލީހުގެ އަމީން ޢާންމު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި އޮތުމަކީ މިމައްސަލަ މަޖިލީހުގައި ކުރިއަށް ނުދާންވީ ސަބަބެއް ނޫންކަމަށެވެ. އަމީން ޢާންމު ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންގެ ނިސްބަތަށް އައި ބަދަލު، ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވުނަސް، އެކަމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުއްވުމަށްޓަކައި އެމައްސަލަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅުއްވައި އެކަން ކުރެއްވުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އެޖާގަވެސް މަޖިލިސް ތެރެއިން ނުލިބުނެވެ.

މިސިޓީގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވައ،ި އެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅުއްވައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ޖާގަ އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މަސައްކަތާއި، ރިޔާސީ އިންތިޚާބާއި ގުޅިފައި:

މަޖިލީހުގެ މަސައްކަތްތައް ޤާނޫނީ ހުއްޖަތްތައް ދައްކަވައި ހުއްޓުމަކަށް އައިސްފައިވާއިރު، މަޖިލީސް މިދައުރުގެ ޗުއްޓީއަށް މިހަފްތާގެ ބުދަ ދުވަހުން ފެށިގެން ދާނެއެވެ. މަޖިލީހުގެ ރައީސް ނަޝީދާއި، ނައިބު ރައީސް އީވާ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.

އެއާއިއެކު ތިންވަނަ ޖަލްސާއަށް ވަނީ މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް ނަޝީދު އުޒުރުވެރި ވަޑައިގަންނަވާ މިއަދުގެ ޖަލްސާވެސް އަދި މިދައުރުގައިވެސް ދެން އިތުރު ޖަލްސާއެއް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

ސިޔާސީ ވާދަވެރިކަމާއި، މަޖިލީހުގައި ހުރި ސަރުކާރުގެ މަސްލަހަތު ހުރި މުހިންމު ބިލްތަކާއި މަސައްކަތްތަކާއި ގުޅިފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއެވެ. މަޖިލީހުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާއާއި އޮތް ސިޔާސީ ގުޅުން ހީނަރުވެ އަމިއްލަފުޅު ޕާޓީއެއް ހެދުމުގެ މަސައްކަތްވެސް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. ސިޔާސީ ވާދަވެރިކަމުގައިވެސް ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސް، ހުއްޓުވުމަކީ އެއްވެސް ބޭފުޅަކަށް އަދި އެއްވެސް ބަޔަކަށް އޮތް ހައްގެއް ނޫނެވެ. ޤާނޫނީ ބޮޑު ހުސްކަމެއްގައި އޮތް މަޖިލީހުގެ ޖަލްސާތައް ފެށި މަސައްކަތް ކުރެވޭނެ ހައްލެއް ހޯދައި ދެއްވުމަށް ދެން އޮތް މަރުހަލާއަކީ ކޯޓާއި ހަމައަށް ދިއުމެވެ.