މާލޭގެ ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ އިތުރު ވެހިކަލް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
މާލޭގައި މިހާރު ކުނި ނެގުމަށް ބޭނުންކުރަމުން އަންނަ ކޮމްޕެކްޓަރުތައް ބާވުމުގެ އިތުރުން، ކުނި މެނޭޖްކުރުމަށް ގެނެވުނު ބަދަލާއެކު އެކަށީގެންވާ ވަރަށް ވެހިކަލް ނެތްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ކުރިއަށްގެންދާ ކުނި ނެގުމުގެ އޮޕަރޭޝަނަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން އޯޑަރުދީފައިވަނީ އަރްމޭނިއާގެ ކުންފުންޏަކަށެވެ. މިގޮތުން 12 ވެހިކަލްއަށް އޯޑަރު ދީފައިވާކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓު އެނަރޖީ ޕްރޮޖެކްޓްގެ ފަރާތުން ވާހަކަދައްކަވަމުން އަޙްމަދު އާޒިމް ވިދާޅުވީ، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މި ވެހިކަލްތައް ރާއްޖެއަށް އަންނާނެކަމަށެވެ. މި ވެހިކަލްތައް އައުމާއެކު ކުނި ނެގުމުގެ އޮޕަރޭޝަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.
މާލޭގައި 2017 ވަނަ އަހަރުން ފެށިގެން ކުނި ނެގުމުގެ މަސައްކަތް ކުރުމަށް އެކި އުޅަނދުތައް އަންނަނީ ބޭނުންކުރަމުންނެވެ. މީގެތެރޭގައި ބޮޑެތި ކޮމްޕެކްޓަރުތަކާއި ޕިކަޕްވެސް ހިމެނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމާއި، އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް ވެހިކަލް ނެތުމުގެ ސަބަބުން، ހުރި ވެހިކަލްތަކަށް އޮންނަ ލޯޑު ބޮޑުވެ ހަލާކުވުމުގެ މައްސަލަތައް ކުރިމަތިވާކަން ވެމްކޯއިންވެސް ފާހަގަކުރެއެވެ.
މީގެއިތުރުން ސަރުކާރުން، ކުނި ވަކިކޮށްގެން ނެގުމަށް ނިންމުމާއި ގުޅިގެން، މި މަސައްކަތުގައި އިތުރު ވެހިކަލްވަނީ ބޭނުންވެފައެވެ. ޢާއްމުންގެ ގޭބިސީތަކުން ކުނި ވަކިކޮށްގެން ބޭރަށް ނެރުނުނަމަވެސް ވެހިކަލް މަދުވުމުގެ ސަބަބުން ކުނި ވަކިކޮށްގެން އުފުލޭނެ އެކަށޭނެ އިންތިޒާމެއް ހަމަޖެހިފައިނެތްކަމަށް ވެމްކޯއިން ބުނެއެވެ.
ކުނި މެނޭޖްކުރުމަށް ވެމްކޯއިން މިހާރު ބޭނުންކުރަމުން އަންނަނީ ކުންފުނި އުފެއްދުނީއްސުރެ ބޭނުންކުރަމުންދާ ވެހިކަލްތަކެއްކަމަށް ވެމްކޯއިން ބުނެއެވެ. ވެހިކަލް އައުކުރުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަމުން، ގެއްލުމުގައި ހިންގަމުން އަންނަ ވެމްކޯއަށް އައު ވެހިކަލް ހޯދޭނެ މަގެއް ނެތެވެ. އެހެންކަމުން ސަރުކާރުން މިހާރު ކުރިއަށްގެންދާ ވޭސްޓު އެނަރޖީ މަޝްރޫޢު ނުވަތަ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުނީގެ މައްސަލައަށް ޙައްލެއް ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ވެހިކަލް ހޯދުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއިން މިހާރުވަނީ ފަށާފައެވެ.