ޣާޒީ ބިލްޑިން އަކީ ސަރުކާރު އޮފީސްތައް ވަކިވަކި ތަންތާނގައި ހިންގުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށަށް ގެނެސް ވީހާވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ތަރައްޤީކުރި ޢިމާރާތެކެވެ. މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް އޮފީސް ޢިމާރާތްވެސްމެއެވެ.
މި ޢިމާރާތް ނިސްބަތްވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި އަދި ރާއްޖޭގެ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ޤައުމީ ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) ގެ ހަނދާނަށެވެ.
ޣާޒީ ބިލްޑިންގ ބިނާކުރެއްވީ ދަގަނޑު ބެރީގެ އޮނިގަނޑެއް ހައްދަވައި، ބޭރު ފާރުތައް އެޅިގަލުން ރާނައި، އެތެރޭގެ ބިއްތައް އެފަދަ ކަންކަންކަމަށް އޭރު ބޭނުންކުރާ ޚާއްޞަ ފިލާ ބޭނުންކޮށްގެންނެވެ. ތަނުގެ އެތެރެ ފަރުމާކޮށްފައިވަނީ އެ ޒަމާނަށް ބަލާއިރު އެންމެ ރީތިވާނެގޮތަށެވެ.
ޣާޒީ ބިލްޑިންގގެ ފްލޯރ އޭރިޔާއަކީ، 51200 އަކަފޫޓެއެވެ. ޖުމްލަ ހަތަރު ބުރިއައް ޢިމާރާތް ކޮށްފައިވާ މި ބިލްޑިންގެ ކޮންމެ ބުރިއެއްގައި 12800 އަކަފޫޓު ހުރެއެވެ.
މި ތަން ޢިމާރާތްކުރެއްވީ ބޭރުގެ އެއްވެސް ފަރާތެއްގެ އެއްވެސް ދައުރެއް ނެތިއެވެ. މާލީ ގޮތުން ވެސް އިންޖިނިއަރިންގގެ ގޮތުން ވެސް އަދި މަސައްކަތް ކުރި މީހުންގެ ގޮތުން ވެސް ބޭރުގެ އެއްވެސް ފަރާތެއްގެ ދައުރެއް ނެތިއެވެ. ޣާޒީ ބިލްޑިންގއަކީ 7.1 މިލިޔަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ބިނާކޮށްފައިވާ ޢިމާރާތެކެއެވެ.
ޣާޒީ ބިލްޑިންގ ހުޅުއްވައިދެއްވީ 26 ޖުލައި 1982 ގައި އެއިރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މިއީ އޭރު ރާއްޖޭގައި އެވަގުތު ހުރި އެންމެ ބޮޑު އޮފީސް ޢިމާރާތް އަދި އެންމެ ބޮޑު ޢިމާރާތެވެ.
ޢާޒީ ބިލްޑިންގ ހުޅުވުމާއެކު، މާލޭގެ އެކި ތަންތަނުގައި ހިންގަމުންދިޔަ ސަރުކާރުގެ ގިނަ ވުޒާރާތަކަކާއި އޮފީސްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނެވި ޚިދުމަތް ދޭން ފެށުނެވެ. މި ޢިމާރާތް ބޭނުންކުރަން ފެށްޓެވިއިރު 18 އޮފީސް އެތާނގައި ހިންގެވިއެވެ. އޭގެތެރޭގައި 6 މިނިސްޓްރީ ހިމެނުނެވެ. މި ހުރިހާ އޮފީސްތަކެއްގައި ގާތްގަނޑަކަށް 600 މުވައްޒަފުން މަސައްކަތްކުރިއެވެ. މި ޢިމާރާތް ފުރަތަމަ ބޭނުންކުރެއްވި ދުވަސްވަރު އެ ބިލްޑިންގގައި ޖަލްސާކުރާ ހޯލެއް ވެސް ހުރެއެވެ.
ޣާޒީ ބިލްޑިންގ ހެދުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ސަރުކާރުގެ އޮފީސްތައް ތަފާތު ތަންތާނގައި ހުރުމުން، ޚިދުމަތް ހޯދުމަށާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމެވެ. އަދި އޮފީސްތަކުގެ ޖާގަ ކުޑަކަމުންނާއި، އޮފީސްތަކުގެ މަސައްކަތަށް އެޅޭ ހުރަސްތައް ކުޑަކުރެއްވުމުގެ ބޭނުމުގައެވެ.
ގިނަ އޮފީސްތަކެއް އެއްތަނެއްގައި ހުރެފައި، އެކިތަންތާނގެ މަސައްކަތަކީ ވަރަށް ބޮޑަށް އެއްތަނަކާ އަނެއްތަނަކާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށްވުމުން މަސައްކަތް ކުރިޔަށް ގެންދިއުމަށް އިތުރު ހަލުވިކަމެއް ހޯއްދެވުމަކީ ވެސް ޢާޒީ ބިލްޑިންގ ޢިމާރާތްކުރުމުގެ މައިގަނޑު ބޭނުމެކެވެ.
41 އަހަރުވެފައިވާ މި ޢިމާރާތަކީ ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރާ އެންމެ ދުވަސްވީ ޢިމާރާތެވެ. އެހެންނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން މި ޢިމާރާތް ވަނީ ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައެވެ. އެތަނަކީ މިހާރު މަސައްކަތް ކުރުމަށް އެންމެ ރައްކާތެރި ޢިމާރާތަކަށްނުވާތީ، ޣާޒީ ބިލްޑިންގ ގައި ހިންގަމުންދިޔަ އޮފީސްތައް ބަދަލުކޮށް، ޢިމާރާތް ހުސްކުރުމަށްފަހު، އެތަން ތަޅާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި އެ ޢިމާރާތް ހުރި ބިން، ޕާކިންގ ޒޯނެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
ޣާޒީ ބިލްޑިންގ ތަޅާލާއި އެތަނުގައި ޕާކިންގ ޒޯނެއް ހެދުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ޣާޒީ ބިލްޑިންގ ހިމެނޭ އަމީރު އަޙްމަދު މަގުގައި ހުރި ދެން މާލޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ ދުވަސްވީ އޮފީސް ޢިމާރާތްކަމުގައިވާ ހުރަވީ ބިލްޑިންގ ތަޅާލައި އެ ބިމުގައިވެސް ޕާކިންގ ޒޯނެއް ސަރުކާރުން ވަނީ ހަދާފައެވެ. ހުރަވީ ބިލްޑިންގވެސް ތަޅާލީ އެ ޢިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުންނެވެ.