ކޯޓުތަކާބެހޭ ޤާނޫނަށް ގެންނެވި ބަދަލާއެކު އަލަށް އުފެދުނު ހައިކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮތްފަށް އިސްތިޢުނާފީ 58 މައްސަލަ ހުށައަޅައިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.
ކޯޓުތަކާބެހޭ ޤާނޫނުނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި ބަދަލާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާއިމުކުރަންޖެހެއެވެ. އެގޮތުން ހައިކޯޓުގެ ދެކުނުގެ ގޮފި އެކުލަވާލައްވައި ޝަރީޢަތް ވަނީ ފަށްޓަވާފައެވެ. އަދި ދެކުނު ގޮތްޕަށް ހުށައެޅުނު 28 މައްސަލައިގެ ޝަރީޔަތްތައް މިހާރު އެގޮފީގައި ކުރިއަށް ގެންދަވާކަމަށް ޖުޑީޝަރީން ހާމަކުރައްވައެވެ. ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތައް އަދި ފެށިފައެއް ނުވެއެވެ. އެގޮފީގެ މަސައްކަތްތައް ފެށެންދެން ދެކުނު ގޮތްޕަށް ހުށައެޅުނު މައްސަލަތައް މަޑުޖައްސަވާލައްވައިފައިވާ ކަމަށާއި އެހެންނަމަވެސް އޭގެތެރެއިން އަވަސްކުރުމަށް އެދި ހުށައަޅާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން މާލޭ ހައިކޯޓުން ބައްލަވަމުން ގެންދަވާނެކަމަށް ޖުޑީޝަރީން ހާމަކުރައްވައެވެ.
އުތުރުގެ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމެވި މައްސަލަތަކުގެ ތެރެއިން އިންތިޢުނާފަށް ހުށައަޅައިފައިވަނި 30 މައްސަލައެވެ. ދެކުނާ އުތުރުގައި ޤާއިމުކުރައްވާ ގޮފިތައް ޤާއިމުކުރައްވަނީ އެގޮތްޕެއް ހިމެނޭ ސަރަޙައްދުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމަވާ ނިންމެވުންތައް އިސްތިޢުނާފް ކުރެއްވުމަށެވެ. ހައިކޯޓަށް ޤާނޫނުން ލިބިގެންވާ ޚާއްޞަ އިޙްތިޞާސްތައް އެކޯޓުގެ ގޮފިތަކަށް ލިބިގެން ނުވާކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެހެން އަހަރުތަކާ އަޅާބަލާއިރު ވޭތުވެދިޔަ އަހަރު ދަށު ކޯޓުތަކުން ނިންމަވާ މައްސަލަތަކުގެ ތެރެއިން އިންތިޢުނާފް ކުރުމަށް ހައިކޯޓަށް ހުށައަޅާ މައްސަލަތައް 20 އިންސައްތަ އިތުރުވެފައިވާކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ.