ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެއްޓެވީ ދަޢުލަތަށް ޢާމްދަނީއެއް ހޯދުމަށް ނޫންކަމަށާއި، ކޮތަޅު ބޭނުންކުރާ ނިސްބަތް ދަށްވުމާއެކު އެ ޢާމްދަނީ ހުއްޓޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން ޢާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ތެރެއިން ބައެއް ބާވަތްތައް ބޭނުންކުރުން ހުއްޓައިލުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ވަނީ ކޮތަޅުން އަގު ނަގަން ފަށްޓަވާފައެވެ. މިއާއެކު ކޮތަޅުގެ އަގު ބާޒާރުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ވިޔަފާރިކުރާއިރު ކަސްޓަމަރަށް މީގެކުރިން ހިލޭ ލިބުނު ކޮތަޅަށް މިހާރު ވަނީ 2 ރުފިޔާގެ ފީއެއް ނަގަންފަށާފައެވެ. މިމައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުމާއި ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ރާއްޖޭގައި ކުނީގެ ޙާލަތު އޮތްގޮތާއި، އޭގެ ނުރައްކާ އޮތް މިންވަރު ތަފްޞީލުކޮށްދެއްވާފައެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ކުންޏަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި، އޭގެތެރެއިން ވެސް ޕްލާސްޓިކްގެ ނުރައްކާ ބޮޑުކަމަށެވެ. ގްރޭޓަރ މާލޭ ސަރަޙާއްދަށް އެކަނި ބަލާއިރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 ޓަނުގެ ކުނި އުފައްދާއިރު، އޭގެތެރެއިން 12 އިންސައްތައަކީ ޕްލާސްޓިކް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ނިސްބަތުން ކުނި އިތުރުވަމުންދާއިރު އެކަމަށް ޙައްލެއް ގެނައުމަށް މިދަނޑިވަޅުގައި މަސައްކަތް ނުކުރާނަމަ، ކޮންމެ 10 އަހަރަކުން ތިލަފުށި ވަރުގެ ސަރަޙައްދެއް ކުނި އެޅުމަށް ބޭނުންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
We also have a huge waste problem in Maldives. Greater Male' Area produces 800 tonnes of waste per day -- 12% of which is plastics. If we don't start reducing this mountain of garbage, we will need to build another Thilafushi every decade. 3/9 pic.twitter.com/OUxkK8oiGf
— Shauna Aminath ?❓ (@anuahsa) April 23, 2023
ޕްލާސްޓިކް ކޮތަޅަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރަންޖެހޭ އެއްޗެއްކަމުގައިވާތީ މުޅިން އެތެރެކުރުން ހުއްޓާލުމުގެ ބަދަލުގައި އެއަށް އަގެއް ނަގަން ފެށްޓެވީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން ޕްލާސްޓިކް ކޮތަޅު ޢާއްމުކޮށް ބޭނުންކުރުމުގެ ބަދަލުގައި ފޮތިކޮތަޅު ބޭނުންކުރުން ޢާއްމުވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަންގަވަން ފެއްޓެވި އަގަކީ ދަޢުލަތަށް ދިގު މުއްދަތުގައި ޢާމްދަނީ ހޯދުމަށް ނަގާ އެއްޗެއް ނޫންކަމަށާއި، ކޮތަޅު ބޭނުންކުރާ ނިސްބަތް ދަށްވުމާއެކު އެ ޢާމްދަނީ ކެނޑޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކަންކޮށްފައިވާ އުޞޫލުކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ އިތުރު ޓެކްސްއެއް ދައްކަންޖެހުމަކީ އެއްވެސް މީހަކު ރުހޭނެކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ކުނީގެ މައްސަލަ އޮތް ޙާލަތުން މިފިޔަވަޅު އަޅަންޖެހޭކަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އަދިވެސް ބައެއް ރަށްރަށުގައި ހުރިހާ ބާވަތެއްގެ ކުނި އަންދާކަމާއި، ބައެއް ފަރާތްތަކުން ކުނި މޫދަށް އަޅާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރީތިކަމާއި، ޤުދުރަތީ ވެށްޓާއި، ސިއްޙަތާއި، އިޤްތިޞާދަށް ބޮޑު ގެއްލުމެއް ވަމުންދާތަން ބަލަން ނުތިބެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް ފާހަގަކުރައްވައި އެ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އޭގެފަހުން މިބާވަތްތަކުގެ ތެރެއިން ޕްލާސްޓިކް ތައްޓާއި، އުލާއި ސަމުސާ ފަދަ ބާވަތްތަކާއި، ޕްލާސްޓިކް ބަންދުކޮށްފައި ހުންނަ ސުޕާރީ ޕެކެޓާއި، ޕްލާސްޓިކް ކަފަބުރާއި، ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް، އުފައްދައި، ވިއްކުން މަނާކުރައްވައިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް ހުއްޓާލައި، ތިމާވެށްޓާއި ރައްޓެހި ގޮތެއް ޚިޔާރުކުރުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ޢާއްމުން ފޮތި ކޮތަޅު ބޭނުންކުރާ ނިސްބަތް އިތުރުވެ، މީގެ ނަތީޖާ ރަނގަޅުވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.