މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6 ލައްކައާ ގާތަށް ޖެހިލައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %20 ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 592،605 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު 6 ލައްކައާ ގާތްވެފައިވާއިރު މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5810 ފަތުރުވެރިން އާދެއެވެ.
ޖަނަވަރީ: 172،499 ފަތުރުވެރިން
ފެބުރުއަރީ: 177،915 ފަތުރުވެރިން
މާރިޗް: 173،514 ފަތުރުވެރިން
އެޕްރީލް މަހުގެ 12 ގެ ނިޔަލަށް: 68،677 ފަތުރުވެރިން
ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅި ޖުމްލަ 1231 ތަނެއް ވަނީ ހުޅުވާފައެވެ. މިހުރިހާ ތަނަކާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދު ވަނީ 60،514 އަށް އަރާފައެވެ.
ފަތުރުވެރިންނަށް ޚިދުމަތްދޭން ހުޅުވާފައިވާ ތަންތަނަށް ބަލާއިރު %68 ޙިއްޞާކުރަނީ ރިސޯޓްތަކެވެ. %24 ގެސްޓްހައުސްތަކުން ޙިއްޞާކުރާއިރު، ސަފާރީތައް %5 އަދި ހޮޓެލްތައް %3 ޙިއްޞާކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރަޝިއާ: 71،989 ފަތުރުވެރިން
އިންޑިއާ: 62،415 ފަތުރުވެރިން
އިނގިރޭސިވިލާތް: 58،584 ފަތުރުވެރިން
އިޓަލީ: 50،576 ފަތުރުވެރިން
ޖަރުމަނުވިލާތް: 44،797 ފަތުރުވެރިން
ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒުހިފާފައިވަނީ 1.9 މިލިއަން ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެ ގެނައުމަށް އަމާޒުހިފާފައިވާ އަދަދުކަމަށްވާ 1.6 މިލިއަންގެ އަމާޒު ވަނީ އަހަރު ނިމުމުގެ ކުރިން ޙާޞިލްވެފައެވެ.