ޚަބަރު

ކުނި ވަކިކޮށްގެން އުފުލުމަށް ވެމްކޯއަށް އިތުރު ވެހިކަލް ގެންނަނީ


ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ނިމިގެންދާއިރު ގޭބިސީތަކުން ވަކިކޮށްގެން ނަގާ ކުނި އުފުލާނީ ވަކި އުޅަނދުތަކެއްގައިކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވިދާޅުވެއްޖެއެވެ. ވެމްކޯއިން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއަރޓާ ނިމިގެންދާއިރު ކުނި ނެގުމުގެ ޚިދުމަތުން ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެކަމަށެވެ.

މާލޭގައި ކުނި ވަކިކޮށްގެން ނަގަންފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއުޞޫލުގެ ދަށުން ޢާއްމުންގެ ގިނަ މީހުން ކުނި ވަކިކޮށްގެން ގެއިން ނެރެން ފެށިއެވެ. އެހެންނަމަވެސް ފެނިގެންދިޔައީ ޢާއްމުންނަށް ބަލައިގަންނަން ފަސޭހަވި މަންޒަރެއް ނޫނެވެ. ޢާއްމުން ކޮތަޅު ކޮތަޅުގައި ވަކިކޮށްގެން ނެރެމުންދިޔަ ކުނި އަރުވަމުން ދިޔައީ ވެމްކޯގެ ބޮޑެތި ލޮރީތަކަށް އެއްކޮށްގެންނެވެ. ހުރިހާ ކޮތަޅުތަކެއް އެއްކޮށްގެން ލޮރީތަކަށް އަރުވާކަމުގެ ޝަކުވާ ބޮޑުވެގެން އެހެން ގެންދިޔަނަމަވެސް ކުނި ސައިޓަށް ގެންގޮސް ވަކިކުރާކަން ވެމްކޯއިންވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެއީ ގޮންޖެހުން ބޮޑު މަސައްކަތެއްކަންވެސް ވެމްކޯއިންވަނީ ފާހަގަކޮށްފައެވެ.

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓެޝަންގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ، ޒޯން 3 ގައި ހިމެނޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ނިމިގެންދާއިރު ވެމްކޯގެ ފްލީޓު އިތުރުވެގެންދާނެކަމަށެވެ. އެގޮތުން ވެހިކަލް ފްލީޓަށް އިތުރު 14 ވަރަކަށް ވެހިކަލް އަންނާނެކަމަށް ސިރާޖު ވިދާޅުވިއެވެ.

"އެއް ބަދަލަކަށް ފެނިގެންދާނީ، އަޅުގަނޑުމެންގެ ފްލީޓު އިތުރުވެގެންދާނެ. މިޕްރޮޖެކްޓްގެ ދަށުން އަޅުގަނޑުމެނަށް ގާތްގަނޑަކަށް 14 ވަރަކަށް ވެހިކަލް ލިބިގެންދާނެ މާލެއާއި ހުޅުމާލޭގައި ބޭނުންކުރުމަށްޓަކައި. އަޅުގަނޑުމެން ކުނި ސެގްރިގޭޓް ކުރިނަމަވެސް ޢާއްމުންނަށް އެބައި ނުފެންނަނީ ހަމަ އެއް ވެހިކަލްގައި ކުނި އުފުލާތީ. އެހެންވީމަ ކުރިއަށް އޮތްތަނުގައި ޑްރައި ވޭސްޓް ވަކިން އުފުލާނީ، ވެހިކަލްގެ ބޭރުން އިނގެން ހުންނާނެ އެކަން" ސިރާޖު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިކަން ޙައްލުކުރުމަށް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތާއެކު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިއާއެކު މިސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ ރާއްޖެ އެކި ޒޯން ތަކަށް ބަހާލައި، ކޮންމެ ޒޯނެއްގައިވެސް ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކޮށްފައެވެ. މާލެ ސަރަޙައްދު ނުވަތަ ޒޯން 3 ގެ މަސައްކަތް މިއަހަރުގެ ޖުލައި މަހާއި ހިސާބަށް ނިމޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ.