ރާއްޖޭގައި އޮތް ޒަމާންވީ މަސްތުވާތަކެތީގެ ބޮޑު މައްސަލަ ހައްލު ކުރުމަށް ފަހުގެ ތަރީޚެއްގައި އެންމެ ބޮޑު މަސައްކަތެއް ކުރި ސަރުކާރަކީ މިސަރުކާރުންކަން، ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިފަހައްޓައި، ނައްތާލި ރެކޯޑު ތަކުން ހާމަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް މަޖިލިހުގައި ކުރިއަށްގެންދިޔަ ބަހުސްގައި ޝިފާއު ވިދާޅުވީ މިސަރުކާން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުރަތަމަ ދުވަހުން ފެށިގެން އަޅަމުންދާ ފިޔަވަޅުތަކަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީ ބޮޑު މައްސަލައަކަށްވާއިރު، ނިމިދިޔަ ސަރުކާރުތަކުން މިމައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރެވޭ މިންވަރަށް އެކަނި ބަލައިލުމުން މިކަން ސާފުވާނެކަމަށް ޝިފާއު ވިދާޅުވިއެވެ.
މިސަރުކާރުން މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް ހިފަހައްޓައި ނައްތާލި މަސްތުވާތަކެއްޗަކީ ރެކޯޑު މިންވަރެއްކަމަށް ޝިފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިކަމުގައި ފަރުވާދެވޭނެ ވަސީލަތްތަކާއި، ފަރުވާއަށް ބޭނުންވާ މީހުންނަށް އެކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
"މިހާރު ހިނގަމުން މިދާ ސަރުކާރުވާނެ، ބާޒާރަށް ނިކުންނަން ހުރި މަސްތުވާތަކެތިވެސް ރެކޯޑު އަދަދަކަށް އަތުލެވޭ ސަރުކާރަކަށް. މީގެ ކުރީގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ނުކުރަނީކީ ނޫން. އެހެންނަމަވެސް ރާއްޖޭގެ ބޯޑަރާއި ހަމައަށް ގެނައުމުގަވެސް ބޯޑަރު ހުރަސްކޮށްފަ، ސަޕްލައި ކުރުމުގައިވެސް ސަރުކާރުގެ އެތެރޭގަ ތިއްބެވި ބޭބޭފުޅުންގެ ރޯލުތައް ބޮޑުކަމުން އަތުނުލެވެނީ. އަތުލަން ބޭނުން ނުވާތީ އެކަން އެހެންވަނީ. ނަމަވެސް މިސަރުކާރަކީ ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލާ، އެތަކެތި ނައްތާލާ ސަރުކާރެއް." ޝިފާއު ވިދާޅުވިއެވެ.
މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ ފަރުވާ، މިދިޔަ އަހަރު 1000އަށްވުރެ ގިނަ މީހުން ވަނީ ފުވާ ހޯދާފައެވެ. އޭގެ ތެރެއިން 242 ފަރުވާ ފުރިހަމަކުރުމަށްފަހު ވަނީ މުޖުތަމަޢުއަށް ނެރެފައެވެ. މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ވަނީ ހުޅުވާފައެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް އަޅައި އެތަނުގައިވެސް ދަނީ ފަރުވާ ދެމުންނެވެ.
މި ސަރުކާރުން ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި3 ޓަނެއްހާ މަސްތުވާތަކެތި ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.