ރާއްޖޭގެ ފަރުތަކުގައި ކަށިބޯ ގިނަވަމުންދާތީ އެތަކެތި މަދުކުރުމަށް ޑައިވަރސް އެސޯސިއޭޝަނުން އިސްނަގައިގެން މިއަދު ޚާއްޞަ މަސައްކަތްތަކެއް ކޮށްފިއެވެ. ޢާންމުކޮށް ހުޅުވާލައިގެން ޑައިވަރސް އެސޯސިއޭޝަނުން މިއަދު ހިންގި ހަރަކާތުން ހުޅުމާލެއާއި މާލެއަތޮޅުގެ ބައެއް ރިސޯޓްތަކުގެ ފަޅުތަކުން ކަށިބޯ ނަގާފައިވެއެވެ.
ރާއްޖޭގެ ފަރުތަކުގައި ކަށިބޯ ގިނަވަމުންދާތީ އެތަކެތި މަދުކުރުމަށް ޑައިވަރސް އެސޯސިއޭޝަނުން އިސްނަގައިގެން މިއަދު ޚާއްޞަ މަސައްކަތްތަކެއް ކޮށްފިއެވެ. ޢާންމުކޮށް ހުޅުވާލައިގެން ޑައިވަރސް އެސޯސިއޭޝަނުން މިއަދު ހިންގި ޙަރަކާތުން ހުޅުމާލެއާއި މާލެއަތޮޅުގެ ބައެއް ރިސޯޓްތަކުގެ ފަޅުތަކުން ކަށިބޯ ނަގާފައިވެއެވެ. ފަހަކަށް އައިސް ރާއްޖޭގެ ބައެއް ފަރުތަކުގައި އާދަޔާ ޚިލާފަށް ކަށިބޯ ގިނަވެފައިވާކަން ފާހަގަކުރެވޭކަމަށް މިދިޔަ އަހަރު ފަހުކޮޅު މެރިންރިސާޗް ސެންޓަރުން ހާމަކުރައްވާފައިވެއެވެ.
ކަށިބޮލަކީ އޭގެ އާބާދީ މާބޮޑަށް އިތުރުވެއްޖެނަމަ މުރަކައިގެ ދިރުން ނެތިކޮށްލާ އެއްޗެކެވެ. އެކަމުގެ ސަބަބަކީ ކަށިބޮލުގެ ކާނާއަކީ މުރަކައިގެ ދިރުން ހުންނަ ބައިކަމަށްވާތީއެވެ. އޭރު މެރިން ރިސާޗް ސެންޓަރުން ވިދާޅުވީ ކަށިބޯ ގިނަވަމުންދާކަމަށް އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ ބައެއް ޑައިވްޕޮއިންޓްތަކަށް ފީނާ ފަރާތްތައް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ފަރުތަކުގެ ރީތިކަން މުހިންމު ރޯލެއް އަދާކުރާއިރު ޓުއަރިސްޓުން ފީނާ ފަރުތަކުގައި ކަށިބޮލުގެ އާބާދީ މާބޮޑަށް އިތުރުވާން ފަށައިފިނަމަ މުރަކަތައް މަރުވެ، ހުދުކުލަޔަށް ބަދަލުވެއެވެ. އަދި އެއާއެކު ގާހުދުވުމުގެ މައްސަލައާ ކުރިމަތިލާންޖެހި ފަރުތަކުގެ ރީތިކަން ގެއްލޭގޮތް ދިމާވާކަމަށް މެރިން ރިސާޗް ސެންޓަރުން ފާހަގަކުރައްވައެވެ. އެތަކެތި ނައްތާލުމަށް އެންމެ ފަސޭހަ ގޮތަކީ ފީނައިގެން އެތަކެތި ނެގުންކަމަށް މެރިންރިސާޗް ސެންޓަރުން އޭރު ވިދާޅުވެފައިވެއެވެ.
މިއަދު ޑައިވަރސް އެސޯސިއޭޝަނުން ވަނީ ޑައިވްކުރާ އެހެން ފަރާތްތަކަށްވެސް ދަޢުވަތުދީގެން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުން ކަށިބޯ ނެގުމުގެ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތުން މިއަދު އިތުރު ސަރަޙައްދުތަކުންވެސް ކަށިބޯ ނަގާފައިވާކަމަށްް ޑައިވާރސް އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ. މިއަދުގެ ޙަރަކާތުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ލިބުނުކަން ޑައިވަރސް އެސޯސިއޭޝަންގެ އެންވަރޔަންމެންޓް ކޯޑިނޭޓަރ މުޙައްމަދު ސިނީން ފާހަގަކުރެއްވިއެވެ.އެއްވެސް ފަރެއްގައި ކަށިބޯ އިތުރުވަމުންދާނަމަ އެ މަޢުލޫމާތު މެރިން ރިސާޗް ސެންޓަރުގެ ވެބްސައިޓާއި ފޭސްބުކް ޕޭޖްގައި މިކަމަށްޓަކައި ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް އެސެންޓަރަށް އަންގައިދިނުމަށް އެދިލައްވައެވެ. މެރިން ރިސާޗް ސެންޓަރުން ބުނީ ކަށިބޯއެއީ ސައިކަލްއެއް ގޮތަށް ކޮންމެ 15 ނޫނީ 17 ވަރަކަށް އަހަރުން އާބާދީ އިތުވަމުންދާ އެއްޗެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ރާއްޖޭގައި އެންމެފަހުން ކަށިބޯ އާދަޔާ ޚިލާފަށް އިތުރުވެގެން ދިޔަކަން ފާހަގަކުރެވުނީ 1980 ގެ ފަހުކޮޅު މާލެއަތޮޅު ހުޅަނގު ބިތުގެ ބައެއް ފަރުތަކުގައިކަން މެރިން ރިސާޗް ސެންޓަރުން މަޢުލޫމާތުދެއްވައެވެ.