ޚަބަރު

ޑިޖިޓަލް އައިޑީ ޕްރައިވެޓް ސެކްޓަރއަށް ދޫކުރާނީ ޤާނޫނީ ރައްކާތެރިކަން ލިބުމުން


ޤައުމީ ޑިޖިޓަލް އައިޑެންޓީޓީގެ ޚިދުމަތް ޕްރައިވެޓް ސެކްޓަރަށް ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން ޒާތީ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބާރުވެރިކަން ކަށަވަރުވުމުން ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީގެ ފަރާތުން އަންނަނީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީގެ ޤައުމީ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރި އަދި ތިމާވެއްޓާއި ރައްޓެހި، އިޤްތިޞާދީގޮތުން ކުރިއަރަމުންދާ ޤައުމެއް، ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ބޭނުންކުރަމުންދާ އައިޑެންޓިޓީގެ ނިޒާމަކީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2012 ވަނަ އަހަރުއެވެ. އޭރު ތަޢާރަފްކުރި އީފާސް ނުވަތަ އިލެކްޓްރޯނިކް އައިޑެންޓިޓީ ކާޑަކީ ހަމައެކަނި އޮންލައިން ބޭނުންތަކުގައި، ކާކުކަން ކަށަވަރުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ.

މިޚިދުމަތް ފުޅާކޮށް ކުރިއަށްއޮތް ތަނުގައި ރާއްޖޭގައި ބޭނުންކުރާ އައިޑެންޓިޓީގެ ޚިދުމަތާއެކު މުޢާމަލާތްތައް ކުރުމުގައި މިހާރު ބޭނުންކުރާ ޑިޖިޓަލް އެކި ވަޞީލަތްތަކުގައި ދިމާވަމުންދާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޒާތީ މަޢުލޫމާތު ގެއްލުމުގެ ފުރުސަތު ކުޑަވުމާއި އޭގެ ބޭނުން އެހެން މީހަކު ހިފުމަށް އޮތް ފުރުސަތުވެސް މީގެ ސަބަބުން ކުޑަވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޢާއްމުންގެ ޒާތީ މަޢުލޫމާތު ހާމަވުމުގައި އޮތް ކަންބޮޑުވުމެވެ.


ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މުޙައްމަދު ޝަރީފް ވިދާޅުވީ މިނިޒާމު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މިނިޒާމުގެ ތެރޭގައި މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނު އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ނިޒާމުގެ މަސައްކަތް ނިމިގެންދާއިރު މިއީ ވަށާޖެހޭ ރައްކާތެރި ޚިދުމަތަކަށް ހެދިގެންދާނެކަމުގެ ޔަގީންކަން އޮންނާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަށް ބޭނުންވާ ޤާނޫނުތައް ހަމަވާންޖެހޭނެ. އެމަސައްކަތްވެސް އައިޑީ އެކުލަވާލުމަށް ކުރާ މަސައްކަތާއި އެއްވަރަށް މިދަނީ ކުރަމުން. މިހާރުވާނީ އިލެކްޓްރޯނިކްސް ޓްރާންސެކްޝަންގެ ޤާނޫނެއް އެކުލަވާލެވި ވުޖޫދަށް އައިސްފައި. އޭގެ ދަށުން އެސްއެމްއެސްގެ ގޮތުގައި ފޮނުވާ މެސެޖްއެކޭ ލިޔެކިޔުމުން ފޮނުވާ ލިޔެކިޔުންތައް ހަމަހަމަވެގެންދާނެ. މިހާރު މިދަނީ ޕްރައިވެސީ އެންޑް ޑޭޓަރ ޕްރޮޓެކްޝަންގެ ޤާނޫނެއްގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މިމަރުޙަލާގެ ތެރޭގައި އެޤާނޫނުވެސް ގެނެސްދޭނަން. ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.


މިނިޒާމުގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ފަރާތެއްގެ ޑިޖިޓަލް އައިޑީއެއް އުފެދި އޭނާއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް އެއް ޕްލެޓްފޯމަކަށް ތިރިކުރެވޭނެއެވެ. މިމަޢުލޫމާތު ލިބެން ހުންނާނީ އައިޑީ ނިސްބަތްވާ މީހާގެ އިތުރުން، މިހާރުވެސް ޢާއްމުންގެ މަޢުލޫމާތު ބަލަހައްޓަން ލާޒިމުވާ އިދާރާތަކުގައި ކަމަށް އެންސީއައިޓީން ވިދާޅުވެއެވެ. އަދި މިއީ ޢާއްމުންނަށް ބޭނުންކުރަން ފަސޭހަ އަދި ރައްކާތެރި ނިޒާމަކަށް ހެދުމަކީ ޚާއްސަ އިސްކަމެއް ދޭކަމެއްކަމުގައި އެއިދާރާއިން ވިދާޅުވެއެވެ. އަދި މިނިޒާމުގެ ތެރެއިން ދިވެހިންގެ މަޢުލޫމާތު އެއްކުރެވޭއިރު ރާއްޖޭގައި އެކި ގޮތްގޮތުން އެކި ވިޒާތަކުގައި ޙަރަކާތްތެރިވާ ބިދޭސީންގެ މަޢުލޫމާތުވެސް މިޕްލެޓްފޯމްގައި ހިމަނާނެކަމަށް އެންސީއައިޓީން ވިދާޅުވެއެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާއިރު ލިޔެކިޔުންތަކުގައި ޑިޖިޓަލްކޮށް ސޮއިކުރަން ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން މިމަހުގެ ފަހުކޮޅު ޑިޖިޓަލް ސޮއި ތަޖުރިބާކުރުމަށް ހުޅުވާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.