ޚަބަރު

ކުނބުރުދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ޖޫން މަހަށް ނިންމާލެވޭނެ: ކައުންސިލް


ކުނބުރުދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިންމާލެވޭނެ ކަމަށް ކުނބުރުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުނބުރުދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންނެވެ.

600 އެއްހާ މީހުން ދިރިއުޅޭ ޅ.ކުނބުރުދޫއަކީ ރާއްޖޭގެ ރަށްތަކުގެ ނިސްބަތުން، ކުޑަ ރަށެކެވެ. ރަށުގެ އާބާދީއާއ ބަލާއިރު ރަށުގެ ބިން ފުރުމުގެ މައްސަލަވެސް އެރަށަށްވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މީހުން ދިރިއުޅޭ ގެތައް، ގޮނޑުދޮށާއި ކައިރި ސަރަޙައްދުތަކުގައިވެސް ހުރެއެވެ.

ރަށްގިރުމުގެ މައްސަލައަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެން ރަށްރަށާ ޚިލާފަށް ކުނބުރުދޫގެ ހުރިހާ ފަރާތަކުންވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެއެވެ. ޚާއްސަކޮށް ރަށުގެ ދެކުނާއި އިރުމަތިން ބޮޑު ބައެއް ގިރައި ޢާއްމު ދިރިއުޅުމަށް އޭގެ އަސަރު ކުރާ މިންވަރު ވަރަށް ބޮޑެވެ.

ކުނބުރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިމައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން އެރަށުގެ ގިރާ ސަރަހައްދު ހިމަޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މިމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަސައްކަތުގެދަށުން ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިމަސައްކަތުގެ ދަށުން 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 430 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 185 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި، 7,171 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށުގެ އަލުން ވެލިއަޅާ އިޔާދަ ކުރުންވެސް މިމަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ކުނބުރުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުނބުރުދޫގެ ކައުންސިލްގެ ރައީސް މުހައްމަދު އަޒްމީ ވިދާޅުވީ މިމަޝްރޫއަކީ ކުނބުރުދޫއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މިމަސައްކަތް ފެށިފައިމިވަނީ އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮން ކަމަށް އަޒްމީ ވިދާޅުވިއެވެ.

"ހަގީގަތުގައި މި މަޝްރޫއަކީ ކުނބުރުދޫއަށް ވަރަށްވެސް މުހިންމު މަޝްރޫއެއް. އަސްލު މިމަސައްކަތަކީ އެކި ސަބަބުތަކާ ހުރެ ލަސްވެފައިވާ މަސައްކަތެއް .އެހެން ނަމަވެސް މިހާރު މަސައްކަތް ފެށިގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ" އަޒްމީ ވިދާޅުވިއެވެ.

އަޒްމީ އިތުރަށް ވިދާޅުވީ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާގޮތަށް ބަލާއިރު މިމަސައްކަތް މި އަހަރުގެ ޖޫންމަހަށް އެއްކޮން ނިމޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 21.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.