ފަނޑިޔާރުންގެ ކަރާމަތާއި މިނިވަންކަމަށް ބުރޫއަރާފަދަ ކަންކަން ކުރާ ފަރާތްތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅުއްވާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހާމަކުރައްވައިފިއެވެ.ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވީ، ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، މުސްތަޤިއްލުކަން ޝަރުޢީ ކޯޓުތަކުން ކަށަވަރު ކުރައްވާނެކަމަށާއި، ފަނޑިޔާރުންގެ ހުރުމަތާއި ކަރާމަތާއި މިނިވަންކަމަށް ބުރޫއަރާ ގޮތަށް ކަންކަން ކުރާ ފަރާތްތަކާމެދު ޝަރުޢީ ދާއިރާއިން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށެވެ. އަދި މިކަމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެކަމަށް މާޖިދުވިދާޅުވިއެވެ.ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަމާއި ކަރާމާތް ޝަރުޢީ ދާއިރާއިން ކަށަވަރު ކުރައްވާނެކަން ކުރިންވެސް ޝަރުޢީ ކޯޓުތަކުން ސާބިތު ކޮށްދެއްވައިފައިވާކަމަށް ވިދާޅުވިއެވެ."2012 ވަނައަހަރު ޤާނޫނާ ޚިލާފަށް ފަނޑިޔާރެއް ހައްޔަރުކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮންނާނެ. ހަމަ އެއާއެކު ދިވެހިރާޢްޖޭގެ ހައިކޯޓުންވެސް އެކަމާ ގުޅިގެން އަމުރު ނެރުއްވި. އެކަމުން ދޭހަވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމަށް ޝަރުޢީ ދާއިރާއިން މަސައްކަތް ކުރާނެކަން. ޝަރުޢީ ދާއިރާގެ މިނިވަންކަން ގެއްލޭފަދަ ކަމެއް ހިނގާފައެއް ނެތް." - އަޙްމަދު މާޖިދުބައެއް ފަރާތްތަކުން ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަން ފާހަގަ ކުރެވިފައިވާކަމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާއާގުޅޭ އެއްވެސް މައުލޫމާތެއް ފެތުރުއްވުމުގެ ކުރިން އެމައުލޫމާތަކީ ތެދު މައުލޫމާތެއްކަން ކަށަވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް މާޖިދު ވިދާޅުވިއެވެ. "ޝަރުޢީ ދާއިރާގެ ވާހަކަތައް ބަޔާން ކުރައްވާއިރު ހަޤީޤަތް ހޯއްދަވާށޭ، އަޅުގަނޑުމެން މިތިބީ ހަޤީޤަތް ފޯރުކޮށްދިނުމަށް ތައްޔާރަށް." މާޖިދު ވިދާޅުވިއެވެ. ރާއްޖޭގައި އެހެން ޤާނޫނުތައް ތަންފީޒު ކުރެވެމުންދާ ފަދައިން ކޯޓުތަކުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤާނޫނުވެސް ފުރިހަމައަށް ތަންފީޒު ކުރެވެމުންދާނެކަމަށް މާޖިދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ޝަރުޢީ ކޯޓެއްގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ހިންގައިފިނަމަ ސަތޭކަހާސް ރުފިޔާއާހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދަށް ބަދަލު ގެންނަވައިފައެވެ. ކުރިން އެފަދަ އަމަލެއް ހިންގައިފި މީހަކު ޖޫރިމަނާ ކުރެވޭނީ އެންމެ ބޮޑުވެގެން 10,000 ރުފިޔާއާ ހަމައަށެވެ.