ތިމާވެށި

ކުނިމެނޭޖް ކުރުމުގެ ޤާނޫނުގެ ދެލި ކޮޕީއެއް އެކުލަވާލައްވައިފި


ކުނިމެނޭޖް ކުރުމުގެ ޤާނޫންގެ ދެލި ކޮޕީ އެކުލަވާލައްވާއިފި ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމްވިދާޅުވެއްޖެއެވެ. "ކުނި މެނޭޖުކުރުމާއި ބެހޭ ޤާނޫނުގެ މަޝްވަރާ ބައްދަލުވުން" މިއަދު ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމްވިދާޅުވީ މިއަހަރުގެތެރޭ މިޤާނޫނުގެ ދެލިކޮޕީ މަޖްލިހަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާކަމުގައެވެ.ރާއްޖޭގައި މިހާތަނަށް ކުނި މެނޭޖް ކުރުމާބެހޭ ޤާނޫނެއް ނެތްކަމުގައި ވީނަމަވެސް ކުނި މެނޭޖް ކުރުމާބެހޭ ޤަވާއިދެއް އެކުލަވާލައި މީގެ 3 އަހަރު ކުރީއްސުރެ މިޤަވާއިދަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. މިފަދަޤަވާއިދެއް އެކުލަވާލައްވާފައި އޮތް ނަމަވެސް އުޞޫލެއްނެތި މަލޭގެ މަގު މައްޗަށް ކުނި އެޅުމާއި، ކުނި އުފުލަން އޮންނަ އުޞޫލާ ޚިލާފަށް މަގުތަކުގައި ވަކި ހަމައެއްނެތި ކުނިއުފުލާގޮތާމެދު ހިތްހަމަނުޖެހި އާއްމުން ޝަކުވާ ކުރަމުންދާކަން ފާހަގަކުރެވެއެވެ. ކުނި މެނޭޖުކުރުމާއި ބެހޭ ޤާނޫނުގެ މަޝްވަރާ ބައްދަލުވުމުންލިބޭ މަޝްވަރާ ތަކުގެ އަލީގައި މިމައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ކުރިޔަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި، ވާހަކަ ފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ ކުނިމެނޭޖް ކުރުމުގެ ކަންތައްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑާއި، އެކަމަށް ބޭނުންވާ ބިލް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ނިމުމުގެ ކުރިން މާލޭގެ ގޭގެއިން ކުނި ކަލެކްޓް ކުރެވޭނެ ނިޒާމެއްޤާއިމް ކުރެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެއާ ރާއްޖޭގެ ރަށްރަށްގައި ކުރީގައި ހަދާފައިވާ ވޭސްޓްމެނޭޖްމަންޓްތައް ހިންގާނެގޮތާއި އެފަދަތަންތަން ބޭނުންވާނެ އިންސާނީ ވަސީލާތްތައް އެންމެ ރަނގަޅަށް ބެނުންނުކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. " މިގާނޫނީ އޮނިގަނޑާއި ބިލް ފާސްވެގެންއަންނައިރު، ކުރިޔަށް އޮތްތާންގައި ވޭސްޓްމެނޭޖް މެންޓް ހިންގަނެގޮތާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރާނެ ގޮތް މީގެތެރެއިން ހިމެނިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.ޔޫ.އެން.ޑީ.ޕީގެ ފަރާތުން ރާއްޖޭގެ ކުނި ނައްތާލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫ.އެން.ޑީޕީގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ނަޝީތު ތޯހާ ވިދާޅުވީ، ޔޫއެންޑީޕީން ރާއްޖޭގެ ކުނި މެނޭޖްކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. އަދި ހަމައެކަނި ޤާނޫނެއް ހެދުމަކުން ކުނީގެ މައްސަލަ ހައްލު ނުކުރެވޭނެކަމަށާއި ވިސްނުމާއި އާދަކާދައާއި ދިރިއުޅުމުގެ ގޮތްތައްވެސް ބަދަލުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.މި ޑްރާފްޓް ގައި ހުރި މައްސަލަތައް ބަލައި ދިރާސާ ކުރުމަށްޓަކައި މިނިސްޓްރީތަކާއި ކުންފިނިތަކާއި މަދަނީ ޖަމްޢިއްޔާތަކުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.