ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުތައް ދުވާލުގަޑީގައި މުޅިން ނިވާލައިގެން ޚިދުމަތްދެވޭ ވަރަށް އިއާދަކުރަނިވި ހަކަތަ ޤާއިމުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވަނީ ހަކަތައިގެ ދާއިރާ ފުޅާކޮށް، އިއާދަކުރަނިވި ހަކަތަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާފައެވެ.
ސަރުކާރުން އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ރާއްޖޭގެ ކޮންމެ ރަށަކީ، 24 ގަޑިއިރި ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ލިބޭ ރަށްތަކަށް ހެދުމަށެވެ. ކަރަންޓު ކެނޑުމުގެ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ރަށްރަށަށް އިންޖީނު ފޮނުވުމާއި، ރަށްރަށުގައި މީހުންނަށް އުނދަގުވާގޮތަށް ރަށު ތެރޭގައި ހުރި އިންޖީނުގެތަށް ދުރު ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތުގެ ދަށުން އަތޮޅުތަކުގައި ހުރި ބައު އިންޖީނުގެތަކާއި، މީހުން ދިރިއުޅޭ ސަރަޙާއްދުގައި ހުރި އިންޖީނުގެތަށް ނަގާ 76 ރަށެއްގައި މުޅިން އަލަށް ޒަމާނީ ފެންވަރަށް އިންޖީނުގެ ތަރައްޤީކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރު ސެޓު އަލަށް ބެހެއްޓިއްޖެ. މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަކަތައިގެ ދާއިރާއަށް ގެނެވޭނެ އެންމެ ބޮޑު ދާއިމީ ޙައްލަކީ އިއާދަކުރަނިވި ހަކަތަކަމަށެވެ. މި މަޝްރޫޢު ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދިއުމުގެ ސަބަބުން، ހަކަތަ އުފެއްދުމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް 2 އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ. މިދެންނެވި މަޝްރޫޢު ފުރިހަމަ ވުމުން މުޅިރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ. ތެލުގެ ޚަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ" ރައީސް ވިދާޅުވިއެވެ.
މި 5 އަހަރުގައި ޖުމްލަ 42.6 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކޮށް ނިމޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތް ކުރެވޭނެކަމަށާއި، މި މަސައްކަތްތައް ނިމުމުން އަހަރަކު 320 މިލިއަން ރުފިޔާ ތެލުގެ ބިލުން ކުޑަކުރެވޭނެކަށް ރައީސް ވަނީ ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދުވާލުގެ ވަކި ވަގުތެއްގައި އަވިން އުފައްދާ ހަކަތަ އަންނަނީ ބޭނުންކުރަމުންނެވެ.