ޚަބަރު

އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބު، 600 ފޮށި


އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިއީ އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ވޯޓުފޮށި ބަހައްޓާ ފުރަތަމަ އިންތިޚާބެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބޭއްވުމަށްފަހު، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަން ކޮމިޝަނުން ވަމުންދާއިރު، އެކޮމިޝަނުން ވަނީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މަރުކަޒުތަކުގައި ގިނަ އިރުތަކެއް ވަންދެން ތިބެން ނުޖެހޭގޮތަށް އިންތިޒާމުތަކަށް ބަދަލު ގެނެސްފައެވެ.

ފޮއްޓަކަށް ވޯޓުލެވޭ އަދަދަކީ 850 މީހުން:

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަން ކޮމިޝަނަށް ފާހަގަވި ކަންކަމަށް ރިއާޔަތްކޮށް މިފަހަރުގެ އިންތިޚާބުގައި ފޮއްޓަކަށް ވޯޓުލެވޭ މީހުންގެ އަދަދަކީ 850 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން ރިޔާސީ އިންތިޚާބުގައި ފޮއްޓަކަށް ވޯޓުލެވޭ މީހުންގެ އަދަދަކީ 1،200 އެވެ. ނަމަވެސް އެ ޢަދަދު މަދުކުރުމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންނަށް ފަސޭހަކަމާއިއެކު ދިގު ކިއުތަކެއްގައި ނުޖެހި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ދެކެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.

30 މީހުން ރަޖިސްޓްރީކުރާ ރިސޯޓްތަކުގައި ފޮށި ބަހައްޓާނެ:

ރާއްޖޭގެ ގިނަ ރިސޯޓްތަކަކީވެސް ރާއްޖޭގެ ގިނަ މަސައްކަތްތެރިން ވަޒީފާ އަދާކުރާ ތަންތަނަށް ވާއިރު، އެތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އިލެކްޝަނުން ވަނީ ނިންމާފައެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި 50 މީހުން ރަޖިސްޓްރީ ކޮށްފިނަމަ، އެރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާ ގޮތަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިފަހަރު ވަނީ 30 މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަނުން ވަނީ 35 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާފައެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި 50 ފޮށި ރިސޯޓްތަކުގައި ބަހައްޓަން ޖެހޭނެކަމަށް ކޮމިޝަނުން ލަފާކުރެއެވެ. ރިސޯޓްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް ވޯޓު ފޮށިތައް ބަހައްޓާނެ އުސޫލުތަކެއް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ. ރާއްޖެއިން ބޭރުގައި ފޮށިތައް ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައެވެ.

ރީ-ރަޖިއްޓްރޭޝަނަށް ހުޅުވާލާނީ ޖުލައިގައި:

އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް 21 ދުވަހުގެ މުއްދަތެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 16 ޖުލައިން 5 އޯގަސްޓާއި ހަމައަށް އެ ފުރުޞަތު ދިނުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ.