 
										
			ގަވާއިދާ ޚިލާފަށް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ. 
މިމަސައްކަތް އެކުންފުނިން ފަށާފައި މިވަނީ މިދިޔަ ޑިސެމްބަރުމަހު ކުރިއަށްގެންދިޔަ ސަރވޭއަކަށްފަހުއެވެ. 
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި އަދި ހިތްގައިމު ތަނެއްގެ ގޮތުގައި ހުޅުމާލެ ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ހުޅުމާލޭގެ މަގުތަކާއި ހުސް ބިންތަކުގައި ގަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކުގެ ޝަކުވާ ބޮޑުވެ އެޗްޑީސީން ވަނީ އެކަމާއި ގުޅިގެން ސަރވޭއެއް ކޮށްފައެވެ. މިދިޔަ ޑިސެމްބަރުމަހު ކުރިއަށްގެންދިޔަ މިސަރވޭއިން މިގޮތަށް ހުރި 400 އަށްވުރެ ގިނަ ވެހިކަލް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހުރިކަން އެޗްޑީސީއަށް ވަނީ ފާހަގަވެފައެވެ. 
		
މިކޯޕަރޭޝަންގެ އިއުލާން ނަންބަރު HDC(161)-MNS/IU/2022/566 ގައި ވާގޮތުގެ މަތިން ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކު ކުރެވިފައިވާ އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. pic.twitter.com/VPbbESdGDI
— HDC (@hdcmaldives) February 1, 2023
			ފުލުހުންނާއި ގުޅިގެން އުޅަނދުތައް ނެގުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށަފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފުރަތަމަ ނަގަން ފަށާފައިވަނީ އިންޖީނު އަދި ރެޖިސްޓްރީ ބޯޑު ނެތި ގަވާއިދާ ޚިލާފަށް މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައްކަމަށް އެޗްޑީސީއިން ބުނެއެވެ. 
އެޗްޑީސީގެ ސާވޭއިން ދައްކާގޮތުގައި ގަވާއިދަށް ހިލާފަށް ބަހައްޓާފައި ހުރި 370 އުޅަނދު ހުޅުމާލޭގެ އެކި ސަރަޙައްދުގައި އެބަހުއްޓެވެ. މީގެ އިތުރުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 އުޅަނދެއްވެސް ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. 
އެޗްޑީސީއިން ނަގަމުންދާ ވެހިކަލްތަކުގެ ތެރޭގައި ކާރާއި، ސައިކަލާއި، ޕިކަޕާއި، ވޭން ހިމެނޭއިރު ޢުމްރާނީ ތަރައްޤީގެ އެކި މަސައްކަތުގައި ބޭނުންކުރާ އެކި ވައްތަރުގެ ހެވީ ވެހިކަލްވެސް ގިނަ ޢަދަދަކަށް ހިމެނެއެވެ. 
ހުޅުމާލޭގެ މަގުތައް އަދި އެނޫންވެސް ޢާއްމު ސަރަޙައްދުތަކަކީ ކުނި މަދު އަދި ޢާއްމުންނަށް ރައްކާތެރި ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން އެޗްޑީސީން ކުރެއެވެ. ފުރަތަމަ ފިޔަވަހީގައި ހުރި ބާވެ ހަލާކުވެފައިވާ އަދި ގަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާ ފުޅާކޮށް އެޗްޑީސީއިން ކުރިއަށްގެންދާ މިއީ ފުރަތަމަ ފަހަރެވެ.