 
										
			ހއ. ހޯރަފުށި ކައިރިން ކިނބުލެއް ފެނިއްޖެއެވެ.
އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ކިނބޫ ފެނިފައިވަނީ ހޯރަފުއްޓާއި އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުންކަމަށެވެ. އަދި މި ސަރަޙައްދުން ފެނިފައިވަނީ ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއްކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. 
މި މަޢުލޫމާތު ލިބުމާއެކު އެމް.އެން.ޑީ.އެފްގެ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ މިހާރުވަނީ ކިނބޫ ހިފާފައެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް ދެއްވާފައެއްނުވެއެވެ.
		
 
										
			ހޯރަފުށީ ކައިރިން ކިނބުލެއް ފެނިގެން އެމް.އެން.ޑީ.އެފްއިން ހަރަކާތްތެރިވެފައިވާއިރު، މި މަހުގެ 13 ވަނަ ދުވަހު މާލެއަތޮޅު ބޮލިދުއްފަރު ކައިރިންވެސް ވަނީ ކިނބުލެއް ފެނިފައެވެ. 
އެފަހަރު އެމް.އެން.ޑީ.އެފް.އިން ހިފި ކިނބުލުގެ ބޮޑުމިނުގައި 14 ފޫޓު 4 އިންޗި ހުއްޓެވެ. މި ކިނބޫވަނީ ބޮލިދުއްފަރުގެ 24 ނޯޓިކަލް ބޭރަށް ދޫކޮށްލާފައެވެ.  މީގެކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުން ކިނބޫ ފެނިފައި އެބަހުއްޓެވެ. އެހެންނަމަވެސް މީ މިގޮތަށް ފެނުނު ކިނބޫގެ ތެރެއިން އެންމެ ބޮޑު ކިނބުލެވެ.