ޚަބަރު

ރައީސްގެ ޔަގީންކަން ހޯރަފުށީ ރައްޔިތުންނަށް، ދެން ބައްދަލުކުރާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާފަ


ހޯރަފުށީގައި ތަރައްޤީ ކުރުމަށް ސަރުކާރުން ވައުދުވެފައިވާ ހޮސްޕިޓަލުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމުގެ އުފާވެރި ޚަބަރު ރައީސުލްމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ. ހޯރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ދެން ހޯރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާފައިކަމަށެވެ.

ސަރުކާރުން އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.އަތޮޅަކީ ގިނަ މަސައްކަތްތަކެއް ކުރެވި އަދި މިހާރުވެސް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ އަތޮޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބް ކުރައްވަމުން ވިދާޅުވީ އެމަނިކުފާނު ވެފައިވާ އެއްވެސް ވައުދަކީ ދޫކޮށްލާނެ ވައުދެއް ނޫންކަމަށެވެ.

ހޯރަފުށީގައި ތަރައްޤީގެ އެތައްކަމެއް ކުރެވި މިހާރުވެސް ގިނަ ކަންކަން ކުރެވެމުންދާއިރުވެސް، ހޯރަފުށީގައި ހޮސްޕިޓަލެއް އެޅުމުގެ ވައުދަކީ ހަނދާން ނެތިފައިވާ ވައުދެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުހަލާގައިކަމަށެވެ. މިމަސައްކަތް ހަވާލުކުރާނީ މިކަން ކުރެވޭނެ އަދި މަސައްކަތް ހުއްޓާނުލައި ނިންމާލެވޭނެ ވަރުގެ ބަޔަކާއި ކަމަށް ރައީސް ވިދާޅުވިއެވެ.

"ޔަގީން ކުރައްވައްޗޭ. ޔަގީން ކުރައްވައްޗޭ. އަޅުގަނޑުމެންނަކީ ވައުދެއްވަފަ އެކަން ދޫކޮށްލާނެ ބައެއްނޫން. މިއަދު އެވަނީ ހޮސްޕިޓަލް ޓެންޑާކޮށް ފައިނަލް މަރުހަލާގަ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެމަސައްކަތް ކުރާނެ ރަނގަޅު ބަޔަކާއި، ފަށާގޮތަށްގޮސް ނިންމާނެ ބަޔަކާއި އަޅުގަނޑުމެން ހަވާލުކުރާނަން. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މިރަށަށް އައިސް ތިޔަބޭފުޅުންނާއި ބައްދަލު ކުރާނީ މިހޮސްޕިޓަލުގެ މަސައްކަތްވެސް ނިންމާފަ." ރައީސް ޞާލިހު ވިދާޅުވިއެވެ.

ހޯރަފުށީގައި މިދައުރުގައި ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުްހޫރިއްޔާ ވިދާޅުވީ، އެއަރޕޯޓްގެ މަސައްކަތް ނިމިފައިވާކަމަށެވެ. މީގެ އިތުރުން ފުޓުބޯޅަ ދަނޑާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އައިސްޕްލާންޓެއްވެސް އަޅާދެވިފައިވާކަމަށެވެ. މިހާރު ކުރިއަށްދާ ކަންކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ފެންބަންދުކުރާ ކާރުޚާނާއެއް އެޅުމުގެ މަސައްކަތް ނިމުމަކާއި ގާތުގައި އޮތްކަމަށެވެ. މިއާއެކު ކައުންސިލް އޮފީސް އިމާރާތް ކުރުމާއި، މަގުހެދުމާއި ވޮލީކޯޓާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ގޮފީގެ މަސައްކަތްވެސް ކުރެވެމުންދާކަމަށެވެ.

ހއ.އަތޮޅުގެ ރަށްތަކަށް ކުރައްވާ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ.އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ތަރައްޤީއާއި އަދި ރައްޔިތުން އެދޭ ކަންކަމާއި ގުޅޭގޮތުން އުންމީދީ ވާހަތަކެއް ދައްކަވާފައެވެ. ރައީސް ވިދާޅުވީ އިހަވަންދޫއަކީ މަސްވެރި ރަށަކަށް ވުމުން ރަށުން މަސްކިރޭނެ އިންތިޒާމް ލަސްތަކެއްނުވެ ހަމަޖެހިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން 2022 ވަނަ އަހަރު ނިމުމާއި ހަމައަށް އިހަވަންދޫގައި ހިންގި ތަރައްޤީގެ އެކި މަޝްރޫޢުތަކަށް 129.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމެވެ. އަދި އެދާއިރާގައި ހިމެނޭ މާރަންދޫއަށް 34 މިލިޔަން އަދި މޮޅަދޫއަށް 49 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށެވެ. މިއީ މިދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ކަންކަން ރަނގަޅުކުރުމަށް ދައުލަތުގެ ބަޖެޓުން ކުރެވިފައިވާ ހޭދަތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.