ހުސްވި 2022 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 972 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ދައުލަތައް ގްރީން ޓެކުހުގެ ގޮތުގައި 972،986،844 (ނުވަ ސަތޭކަ ހަތްދިހަ ދެ މިލިއަން، ނުވަލައްކަ އަށްޑިހަ ހަހާސް އަށް ސަތޭކަ ސާޅިސް ހަތަރެއް) ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރު ދައުލަތައް ލިބުނު އާމްދަނީގެ %4.4 އެވެ.
2021 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 802،115،146 (އަށް ސަތޭކަ ދެ މިލިއަން އެއް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ ސާޅިސް ހައެއް) ރުފިޔާއެވެ. މިއީ ހުސްވި 2022 ވަނަ އަހަރާއި އަޅާބަލާއިރު 170 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޓްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދުކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ގްރީން ޓެކްސް އެންމެ ގިނައިން ދައްކާ އަތޮޅުތަކުގެ ތެރޭގައި ކ. އަތޮޅު، އއ. އަތޮޅު، ރ. އަތޮޅު، އދ. އަތޮޅު ހިމެނެއެވެ.