އއ.އުކުޅަހު ކައުންސިލުން އިސްނަގައިގެން ކުރިއައް ގެންދިޔަ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިމި ދަސްވެނިވުން ބާއްވަފިއެވެ.
އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯހަކީ މިނިސްޓްރީ އޮޕް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށް ގެންދިޔަ މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތީ އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައެވެ.
އުކުޅަހުގެ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މި ފަދަ ކޯހެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ އުކުޅަހަކީ ފުޅާ ދާއިރެއްގައި ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވާތީ ރަށުގައި އަބަދުވެސް ގިނަ އިމާރާއްތަކެއް ބިނާކުރަމުން އަންނައިރު ރަށުގައި އިލެކްޓްރިކް ވައިރިންގެ ހުއްދަ އޮތް އެއްވެސް މީހަކު ނެތުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 6 މަސް ދުވަހަށް ކުރިއައް ގެންދިޔަ މިކޯސް ނިމިގެން ދިޔައިރު އިލެކްޓްރިކް ވަޔަރިންގެ ލައިސަންސް އޮތް 19 މީހުން މިކޯހުގެ ތެރެއިން ސެޓިފައިޑް ވެފައިވާ ކަމަށެވެ.
ޝައުކަތު އިތުރަށް ވިދާޅުވީ ކޯސްތައް ހިންގުމުގެ ބޭނުމަކީ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި އިންޑަސްޓްރީއައް ބޭނުންވާ ހުނަރުވެރި ގާބިލް މީހުން އުފެއްދުމުގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ދަށުން އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހޯދާދިނުން ކަމަށެވެ.
މީކޯހުގެ އިތުރުން އިތުރު ދެކޯހެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ. އެއީ ގެސްޓްހައުސް އޮޕަރޭޝަން ސެޓްފިކެޓް ލެވެލް 3 އާއި ރެފްރިޖޭޓަރ އެންޑް މެއިންޓަނަސް ކޯހެއެވެ.
އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ހަޔަރ އެޑުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަންއާއި ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލް އާއި ޕޮލިޓެކްނިކްގެ އިސް ބޭފުޅުންގެ އިތުރުން އުކުޅަހުގެ މުއައްސަސާތަކުގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.