ޚަބަރު

ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓް މިއަދު ރައީސަށް އަރުވަނީ


ވަގަށް ނަގައި، މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲ ގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ނިންމައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ގެންދަނީ 28 މައްސަލައެއް ތަޙުޤީޤު ކުރަމުންނެވެ.

ރިޟްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިޟްވާން، 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފައެވެ.

ރިޟްވާން ގެއްލުމުގެ ފަހަތުގައި ހިމެނޭ މީހުން ހެއްކާއެކު ހޯދިފައިވާކަމަށް މަރު ކޮމިޝަނުން ވަނީ ކުރިންވެސް ވިދާޅުވެފައެވެ. ރިޟުވާން ގެއްލުވާލުމަށްފަހު ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި، އޭގެ ފަހުން ރިޟްވާން ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާކަމަށް މަރު ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޟްވާން މަރާލި މީހުންނާއި ޔާމީން ރަޝީދު މަރާލި މީހުންނަކީ އެއް ބައެއްކަން އެނގިފައިވާކަމަށް މަރު ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި އޭނާ މަރާލާފައިވަނީ ދީނީ ހަރުކަށި ޖަމާޢަތްތަކަކުން ކަން އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ރިޟްވާން ގެއްލުމާއި ގުޅޭ ކަންކަން ފެށުނީ، ދީނީ ހަރުކަށި މީހުންނާއި މިނިވަން ފިކުރުތަކަށް ގޮވާލާ މީހުންނާއި ދެމެދު 2012 ވަނަ އަހަރު ފެށި ބަހުގެ ހަމަލާތަކަށް ފަހުއެވެ.

ރިޟުވާން ވަގަށް ނަގައި މަރާލި މައްސަލައިގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ބްލޮގަރ ޔާމީން ރަޝީދާއި، ޑރ. އަފްރާޝިމް ޢަލީ މަރާލި މައްސަލައާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލަގައި 3 މީހެއްގެ މައްޗަށް ވަނީ ދަޢުވާކޮށްފައެވެ. ދަޢުވާ ކުރުމަށް ފޮނުވާފައިވާ 3 މީހުންނަކީ މ. ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްއާއި މއ. ފާގަފިލާގެ، އަޙްމަދު އިސްމާޢީލްއާއި ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒެވެ.