ޚަބަރު

ރިޔާސީ އިންތިޚާބަށް އިލެކްޝަނުން ވަގުތީ މުވައްޒިފުން ހޯދަން ފަށައިފި


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެކި މަސައްކަތްތައް ކުރުމަށްޓަކައި ވަގުތީ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. އިންތިޚާބަށް އިލެކްޝަނުން ތައްޔާރުވަމުންދާއިރު، ކޮމިޝަނުން ދަނީ އިންތިޚާބަށް ބޭނުންވާ ވަޞީލަތްތާއި، މީހުންނާއި ތަކެތި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިލެކްޝަނުން ވަނީ އިންތިޚާބުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ވަގުތީ 11 މުވައްޒިފަކު ހޯދުމަށް އިޢުލާންކޮށްފައެވެ. މިފަރާތްތަކަށް މުސާރައިގެ ގޮތުގައި މަހަކު 4465 ރުފިޔާއާއި، ސާވިސް އެލަވެންސްގެ ގޮތުގައި 1،500 ރުފިޔާގެ އިތުރުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 155 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.


އެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންއަކީ ވެސް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. ވޯޓު ކަރުދާސްތައް ޗާޕުކުރުމާއި މިފަދަ އިދާރީ ކަންކަމަކީވެސް އިންތިޚާބުގެ އެންމެ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މިހާތަނަށް އެންމެ ބުރަކުން އިންތިޚާބު ކާމިޔާބުވެފައި ވަނީ އެންމެ ރިޔާސީ އިންތިޚާބެއްގައެވެ. އެއީ 2018 ވަނަ އަހަރުގެ އިންތިޚާބެވެ.