ޓެކުހުގެ ނިޒާމަށް ބަދަލު ނުގެނެސް، ޢަންމު ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ކަންކަމުން އަގުބޮޑު ކުރިނަމަ، އިޤްތިޞާދީ ގޮތުން ޤައުމަށް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބަޖެޓުގެ މަސައްކަތްތަކާއި، ބަޖެޓާއި ގުޅޭގޮތުން ހުރި ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް ވިދާޅުވީ ޓެކުހުގެ ނިޒާމަށް ސަރުކާރުން ގެނައި ބަދަލަކީ އޭގައިން އާންމު ރައްޔިތުންނަށާއި، ސަރުކާރަށްވެސް އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް ގެނައި ހެޔޮ ބަދަލެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޖީއެސްޓީއާއި، ޓީޖީއެސްޓީން 3 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމަށް ބައެއް ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މެންބަރު އިސްމާޢީލް ވިދާޅުވީ ޓެކުހަށް ގެނައި ބަދަލުގެ ރަނގަޅު ފައިދާ ފެންނާނެކަމަށެވެ. ޓެކްސް ބޮޑުނުކޮށް، ފެނާއި ކަރަންޓުގެ އަގު ބޮޑުކޮށް، މުވައްޒިފުންގެ މުސާރަ ކުޑަކޮށް، ވަޒީފާތަކުން މުވައްޒިފުން ވަކި ކުރިނަމަ ލިބޭ ގެއްލުން މާބޮޑަށް އިތުރުވާނެކަމަށް މެންބަރު ވިދާޅުވިއެވެ. އަދި މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ސިޔާސީ ގޮތުންވެސް އަދި އިޤްތިޞާދީ ގޮތުންވެސް ކުރާނީ ފައިދާކަމަށް އިސްމާޢީލް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެނައި ބަދަލާއިއެކުގަ ދެން ރާއްޖެއަށް ވަމުން އަންނަ ރަނގަޅުގެ ސަބަބުން ރިޔާސީ އިންތިޚާބަށް މީގައިން އަސަރެއް ކުރާނެ ތަނެއް ނުފެނޭ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރު ކުރާނެ ޖީއެސްޓީއަށް ބަދަލު ނެގެނެސް ކަރަންޓް ބިލަށް ބަދަލު ގެނައިމަ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރުކުރާން ޖީއެސްޓީއަށް ބަދަލު ނުގެނެސް ފެންބިލަށް ބަދަލު ގެނައިމަ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރުކުރާން ޖީއެސްޓީއަށް ބަދަލު ނުގެނެސް މުސާރަތައް ކުޑަކުރީމަ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރުކުރާން ޖީއެސްޓީއަށް ބަދަލު ނުގެނެސް ވަޒީފާތަކުން މީހުން އުނި ކުރީމަ." އިސްމާއިލް ވިދާޅުވިއެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްހުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި އިޞްލާހުގައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. މިއިސްލާހު ޤާނޫނަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ޚަރަދުކުޑަކުރުމަށްވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކާއި، ބަޖެޓް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށް ވަނީ ނިންމާފައެވެ. އަންނަ އަހަރުގެ ބަޖެޓް ފާސް ކުރުމާއި މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.