މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުމަށް ކޮޕް ސަމިޓުގެ ތެރެއިން ނިންމައިފިއެވެ.
މިސްރުގެ ޝަރްމުއްޝައިޚްގައި ކުރިއަށްދާ ކޮޕް 27ގައި ލޮސް އެންޑް ޑެމޭޖް ފަންޑް ޤާއިމުކުރުމަށް އެއްބަސްވުމަކަށް އާދެވުމަކީ މިއަހަރުގެ ސަމިޓުގެ ތެރެއިން ނިމިގެންދިޔަ މުހިއްމު އެއް ނިންމުމެވެ.
މޫސުމީ ބަދަލުތަކާއި ގުޅިގެން ދުނިޔޭގައި ބާއްވާ ތިމާވެށީގެ އެންމެ ބޮޑު ސަމިޓުގައި ކުދި ޖަޒީރާ ޤައުމުތަކުން މިފަހަރު އެންމެ ބޮޑަށް ވަކާލާތު ކުރި އެއްކަމަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން ލިބޭ މާލީ އެހީތެރިކަން ކުދި ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށެވެ. މިދިޔަ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް ކުދި ޤައުމުތަކުން މިކަމަށް އެދި ގޮވާލާ ގޮވާލުންތަކަށް ބޮޑެތި ޤައުމުތަކުން އެކަށީގެންވާ އަހަންމިއްޔަތުކަމެއް ނުދިނުމުގެ މައްސަލަ ސަމިޓުގައި ވަނީ ހޫނުވެފައެވެ. މިއާއެކު ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާ ހުރިހާ ޤައުމަކުން މިކަމުގައި އެއްގަލަކަށް އެރުވުމަށް ކުދި ޖަޒީރާ ޤައުމުތަކުން ކުރި މަސައްކަތް މިވަނީ ކާމިޔާބުވެފައެވެ.
މިނިސްޓަރ އޮފް އެނަވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ ޤައުމުތަކެއް ގުޅިގެން ކުރި މަސައްކަތުން ޙާސިލްވެގެންދިޔައީ ބޮޑު ކާމިޔާބެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފާއިތުވި 2 ހަފްތާގެ ތެރޭގައި ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތު ކުރި ކަމަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް ބޭރުކުރުން މަދުކުރުމަށް ޤައުމުތައް އެއްގަލަކަށް އެރުވުން ނަމަވެސް، އަދި އެކަމަށް އެންމެ އެދެވޭ ޙައްލެއް ނާންކަން ހިތްބަރުކަމާއެކު މިނިސްޓަރގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
We have reached a historic agreement on funding for loss & damage. Truly a win for the multilateral system. This is a complex issue and we need a mosaic of solutions to find a meaningful solution. #COP27
— Shauna Aminath ?❓ (@anuahsa) November 20, 2022
އދ.ގެ ތިމާވެއްޓާއި ބެހޭ އެންމެ ބޮޑު ސަމިޓުގައި ރާއްޖެ ފަދަ ޤައުމުތަކަށް ލިބިގެން މިދިޔަ ކާމިޔާބީ ފާހަގަކުރައްވާ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އެކަމެއްގެ އިންތިޒާރުގައި ރާއްޖެ ފަދަ ކުދި ޖަޒީރަތަކުން އެތައް ދުވަހަކު ކުރި ދިގު އިންތިޒާރެއްގެ ނިމުންކަމަށެވެ. އަދި މިއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފޮރިންގ މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
The agreement to establish the long awaited #LossAndDamageFund at #COP27, to assist developing countries that are vulnerable to #ClimateChange, such as #Maldives, is historic.
— Abdulla Shahid (@abdulla_shahid) November 20, 2022
This is a great win!
Yet, our fight to keep 1.5 alive must continue with ambition and pace.
"ލޮސް އެންޑް ޑެމޭޖް" ފަންޑުގެ މައިގަނޑު ބޭނުމަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިފަންޑަށް އެހީވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުންނެވެ. މީގެތެރޭގައި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ ނުހިމެނުމަކީ ބޮޑެތި ގިނަ ޤައުމުތަކަކުން އެކަމާއި ދެކޮޅު ހެދިކަމެކެވެ. ސަމިޓުގައި ޖައްވަށް ވިހަ ގޭސް ބޭރުކުރުން މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީގައި ހިފެހެއްޓުމަށް އެކަށީގެންވާ ވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަން ގިނަ ޤައުމުތަކަކުން ވަނީ ފާހަގަކޮށްފައެވެ.
މިފަންޑު އެކުލަވާލުމަށް ބޮޑެތި ޤައުމުތަކުން އެއްބަސްވެފައިވާއިރު މީގެކުރިން 2009 ވަނަ އަހަރުގެ ސަމިޓުގައި މޫސުމީ ގެއްލުންތަކުން އަރައިގަނެ ތިމާވެއްޓާ ރައްޓެހި ވަޞީލަތްތައް ޤާއިމުކޮށް ތިމަވެށީގެ ދައިރާއިން ކުރިމަގުގައި އަންނާނެ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުމަށް އެޤައުމުތަކުން އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ނިންމި ނިމުމުގައި ހިމެނޭ ފައިސާވެސް މިހާތަނަށް ދީފައިނުވާކަން ފާހަގަކުރެވެއެވެ.