އަތޮޅުތެރޭގެ ދަނޑުވެރިންނަށް ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ދަސްކޮށްދިނުމުގެ ޙާއްސަ ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ.
މިއީ އެ މިނިސްޓްރީއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާ ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މެޕްގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމް މިމަހުގެ 6 އަކުން 10 އަކަށް ކުރިއަށްގެންގޮސްފައިވަނީ ހއ. ވަށަފަރާއި، ށ. ކަނޑިތީމުގައެވެ. ހއ. ވަށަފަރާއި ށ. ކަނޑީތީމުގައި ކުރިޔަށް ގެންދެވޭ ތަމްރީންގައި ދެ ރަށުން ޖުމްލަ 37 މީހަކު ބައިވެރިވެފައިވާއިރު އޭގެ ތެރެއިން %51 އަކީ އަންހެނުންނެވެ.
މި ޕްރޮގްރާމް ދެން އޮންނާނީ މިމަހުގެ 18 ގައި ހއ. މުރައިދޫއާއި ށ. ފޭދޫގެ ދަނޑުވެރިންނަށް އަމާޒުކޮށްގެންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.
މެޕް ޕްރޮގްރާމްގެ ދަށުން މިފަދަ ތަމްރީމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މަޝްރޫޢު އަމާޒްކުރެވޭ 3 އަތޮޅު ކަމުގައިވާ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކާއި، އެކަމަށް ޝައުގުވެރިކަން ހުރި ފަރާތް ތަކަށެވެ. 5 އަހަރު މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން މި 3 އަތޮޅުގެ ރަށްރަށުގައި ދަނޑުވެރިންނަށް ބޭނުންވާނެ އެކި ފެންވަރުގެ ތަމްރީނުތައް ހިންގަމުން ގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިހާރު ފެށިގެން ކުރިޔަށްގެންދާ ތަމްރީންތަކުގައި ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ މައުލޫމާތުތަކާއި މިހާރުވެސް ދަނޑުވެރިކަން ކުރަމުންގެންދާ ފަރާތްތަކަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށް ދެވޭނެއެވެ.
މީގެ އިތުރު ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ޒަމާނީ ވަޞީލަތްތަކުގެ މަޢުލޫމާތާއި، ހުނަރުތައް ދަނޑުވެރިންނަށް ދަސްކޮށްދިނުންވެސް މިތަމްރީންގައި ހިމެނިފައިވެއެވެ.
ތަމްރީނު ޕްރޮގްރާމް ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ އައު ޓެކްނޮލޮޖީތަކަށް ދަނޑުވެރިން އަހުލުވެރި ކުރުމަށްޓަކައި ހއ. ހދ. އަދި ށ. އަތޮޅުން ޚިޔާރުކޮށްފައިވާ 6 ރަށެއްގައި ނަމޫނާ ދެއްކުމުގެ މަސައްކަތްތަކެއް ފެށުމަށްވެސް ތައްޔާރު ވަމުންދާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.