ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް އަނދާފައިވާތީ ސިއްހީ ރައްކާތެރިކަމަށްޓަކައި އެސަރަހައްދަށް އާންމުން ނުދިއުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެކި ކަހަލަ އެލްމިނިއަމްއާއި ގޭސްތައް ވަނީ އަނދާފައިވާއިރު މިއީ އިންސާނުންނަށް ނުރައްކާތެރި މާއްދާތައް އެކުލެވޭ ތަކެއްޗެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، މި ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރިކަމަށެވެ. އަދި ދުމުގެ ތެރޭގައި ހިމެނޭ ކާބަން މޮނޮކްސައިޑް އަދި ނައިޓްރިޖަން އޮކްސައިޑް އަދިވެސް އެކަހަލަ އެކިއެކި މާއްދާތައް މި ސަރަހައްދުގައި ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ މި ސަރަހައްދަށް އާންމުން ނައުމަށް އިލްތިމާސްކުރާކަމަށާއި އަދި ކޮންމެހެން އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކް އަޅައިގެން އައިސް ކުރާކަމެއް ނިންމުމަށްފަހު އަވަހަށް އެ ސަރަހައްދުން ދިއުމަށް ވަނީ އެދިފައެވެ.
"އަދިވެސް މި ސަރަހައްދުގައި ދުމުގެ އަސަރު އެބަހުރި. ވަރަށް ގިނަ ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި އަނދައިގެން ގޮސްފައި މިހުރީ. މިތަނުން އަރާ ދުމުން ހަމަ ނޭފަތައް އިނގުން ވާވަރަށް އެބަހުރި ދުން. ދެން ލޮލަށްވެސް އެބަފެނޭ. އަދި ކައިރީގައި އެބަހުރި އިމާރާތްތައްވެސް. އެބޭފުޅުން ދުމުން ސަލާމާތްވެވޭނެ ގޮތްތައް ހޯދައިގެން ތިބެންވާނީ މިކޮޅުގައި ތިބެންޏާ. އެންމެ ރަނގަޅު ގޮތަކީ ދުން އަރާ ހިސާބަށް މީހުން ނައުން. ކޮންމެހެން އަންނަންޖެހުނަސް މާސްކް އެޅައިގެން ކުރަން ބޭނުންވާ ކަމެއްކޮށްފައި އަވަހަށް ވަޑައިގަތުން." ނައީމް ވިދާޅުވިއެވެ.
އަލިފާން ރޯވި ސަރަހައްދަށް އާންމު ޖަމާވުމަކީ ރެސްކިއު އޮޕަރޭޝަން ހިންގާ ފަރާތްތަކަށްވެސް އުނދަގޫތަކާއި ކުރިމަތިވާނެކަމެއްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ރޭ ދަންވަރު 00:30 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާނުގައި ހުންނަ މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގައެވެ.