އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ކުށުގެ ދައުވާގެ ޙުކުމް އިއްވުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.މިމައްސަލައިގައި ޙުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މާދަމާ ހަވީރު 4 ޖަހާއިރު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.ދައުލަތުން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައެވެ.މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި ދެފަރާތުން ވަނީ ޙުލާސާ ބަޔާން އިއްވާފައެވެ. މިމައްސަލައިގައި ހުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މިދިޔައަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ބާރުއަޅައި އިމްރާން އަބްދުﷲ ވާހަކަ ދެއްކިކަން ހެކިންގެ ހެކިބަހުންނާއި ދައުލަތުން ހުށައަޅާފައިވާ އޯޑިއޯ އެނޭލިސިސް ރިޕޯރޓާއި އެހެނިހެން ހެކިތަކުން ސާބިތުވާކަމަށް ދައުލަތުން ދެކެވަޑައިގަންނަވާ ކަމަށެވެ. މިމައްސަލައަށް އިމްރާންގެ ފަރާތުން އިންކާރުކޮށް ދިފާއުގައި ވާހަކަދައްކަވައިފައިވެއެވެ.އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން ހުށައަޅުއްވައިފައިވާ ޓެރެރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މިމައްސަލަ ބައްލަވަނީ ޤާޟީ ޢަބްދުލްބާރީ ޔޫސުފެވެ.