ޚަބަރު

މީދޫ ޖަމްއިއްޔާއަކުން ބިއްލޫރި ފުޅީގައި ފެން ބަންދުކޮށް މާކެޓް ކުރުމަށް ތައްޔާރުވަނީ


ބިއްލޫރި ފުޅީގައި ފެންބަންދުކުރުމުގެ ސަޤާފަތެއް އެންމެ ފުރަތަމަ ރާއްޖޭގައި ފެށިގެން އައީ ދެހާހުގެ ކުރީކޮޅުގައެވެ. އެވެސް ރިސޯޓްތަކުގައެވެ. އެމީހުންގެ އެންމެ ބޮޑު އެއް ބޭނުމަކަށްވީ ރާއްޖޭގެ ފަތުރުވެރިކަަމަށް ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ކުޑަކުރުމާ ސިންގަލް ޔޫސް ޕްލާޓިކް ބޭނުން ކުރާވަރު މަދު ކުރުމެވެ.

އެކަން މަޑުމަޑުން ފުޅާވަމުންގޮސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މި މަސައްކަތް އެންމެ ފުރަތަމަފެށީ ބ. އަތޮޅު މާޅޮހުގައެވެ. ސޮނޭވާފުށީގެ އެހީތެރިކަމާއެކު ފެށި މި މަސައްކަތް ނަމޫނާއަކަށް ބަލައިގެން ރ. މީދޫގެ ޖަމްއިއްޔަތުލް ޟަލާހުން މިހާރު މިވަނީ މި އަމާޒު ހާސިލް ކުރުމަށް މަސައްކަތް ފަށާފައެވެ.

މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ޔޫ.އެން.ޑީ.ޕީ އިން ދޫކުރާ ސްމޯލް ގްރާންޓް ޕްރޮގްރާމަށް 2021 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި އެ ޖަމްއިއްޔާއިން ބެލީ ތިމާވެށީގެ ގޮތުން ރަށާ އަތޮޅަށް ފައިދާކުރުވަނިވި މަސަކަތެއް ފެށުމަށެވެ. އެގޮތުން އެޖަމްއިއްޔާއިން ނެގި އިސްނެގުމަކީ ރަށުން ޕްލާސްޓިކް ފުޅި ބޭނުން ކުރާ މިންވަރު މަދުކޮށް ބިއްލޫރި ފުޅީގައި ފެންބަންދުކޮށް މާކެޓް ކުރުމަށްކަމަށް ޖަމްއިއްޔަތުލް ޟަލާޙުގެ ރައީސް އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީގެ "ބްލޫ ވޯޓަރ ޕްރޮޖެކްޓް" އިން މީދޫގައި ކުރިއަށްގެންދާ މި މަސައްކަތައް 30000 (ތިރީސް ހާސް) ޔޫއެސް ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މި މަސައްކަތް ނިންމުމަށް ޔޫ.އެން.ޑީ.ޕީއިން ކަނޑައަޅާފައި އޮތް މުއްދަތަކީ ދެއަހަރު ދުވަހެވެ. އެ ޖަމްއިއްޔާގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ، މި މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ޑިސެމްބަރު މަހަށް މަސައްކަތް ނިންމާ ރައްޔިތުންނަށް އެ ޙިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

"މައިގަނޑު އެއް ބޭނުމަކީ ޕްލާސްޓިކް ފުޅި ބޭނުން ކުރާ އަދަދު މަދުކުރުން އެކަން ހާސިލް ވާނެކަމަށް މިބަލަނީ، މިއަހަރުގެ ޑިސެމްބަރަށް މަސައްކަތް ނިންމާލެވޭނެ. އެކަމަށް ތައްޔާރީތައްވަމުން މިދަނީ. ދެން އޮތީ ފުޑް އެންޑް ޑްރަގް އޮތޯރޮޓީީގެ ހުއްދަ ހޯދުން. އެކަމަށް ކުރަންޖެހޭ މަސައްކަތްއްވެސް ވަަރަށް އަވަހަށްފެށޭނެ" ޖަމްއިއްޔަތުލް އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ ޕްލާންޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތާ ފެންވައިރު ކުރުމުގެ މަސައްކަތެވެ. އެމަސައްކަތް ނިންމާ މި ޙިދުމަތް ފެށުމަށް ނަގަންޖެހޭ ޙުއްދަތައް ހޯދުމުގެ މަސައްކަތް ފަށާނެކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މީދޫގައި ހަދާ ބިއްލޫރި ފުޅީގައި ފެންބަންދު ކުރާ ފެކްޓްރީން ދެ ސައިޒެއްގެ ފުޅީގައި ފެން ބަންދު ކުރާނެއެވެ. އެއީ އެއްލިޓަރު ފުޅި އާ 500 އެމްއެލްގެ ފުޅިއެވެ. މިކަމަށް ބޭނުންވާ 2000 ފުޅި މިހާރު ވަނީ ގެނަސްފައެވެ. އަހުމަދު ރަޝީދު ވިދާޅުވީ، މަސައްކަތް ފެށުމަށް އަދި ފެންބަންދު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ގެނަސްފައިވާކަމަށެވެ.

ދުވާލު 8000 ފުޅިއަށް ފެން އުފެއްދޭ ވަރުގެ ނިޒާމެއް ޤާއިމްކޮށްފައިވާ މި ފެކްޓްރީއިން އެންމެ ފުރަތަމަ ފެން ފޯރުކޮށްދޭނީ އެރަށުގައި ހިންގާ ކެފޭ ރެސްޓޯރަންޓްތަކަށެވެ. އެއީ އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ފުޅި ބޭނުންކުރާ ތަންތަނަށް އެތަން ވާތީކަމަށް އެޖަމްއިއްޔާއިން މައުލޫމާތުދެއެވެ. ކުރިއަށް އޮތް ތަނުގައި ރަށުގެ ގޭބިސީތަކާ އަތޮޅުގެ އެހެން ރަށްތަކަށްވެސް ފެން ސަޕްލައި ކުރުމުގެ ވިސްނުންގެންގުޅޭކަމަށް ޖަމްއިއްޔަތުލް ޟަލާޙުން ބުނެއެވެ.

މި މަސައްކަތް ފެށުމުން މީދޫގައި ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ހިމެނޭ ޕްލާސްޓިކް ފެންބޯ ފުޅި ބޭނުން ކުރާ އަދަދު މަދުވެގެންދާނެއެވެ. ރައްކާތެރި ފެނުގެ ނިޒާމް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެގެންދާއިރު، ބިއްލޫރި ފުޅީގައި ފެންބަންދު ކުރުން މީ ޖަމްއިއްޔާއަކުން އަދި ކައުންސިލްތަކުންވެސް ކުރެވިދާނެ މުހިންމު ތިމާވެއްޓާ ރައްޓެހި މަސައްކަތެވެ. އަދި ރަގަޅު އާމްދަނީއެއްވެސް ނެރެވި ދާނެމަސައްކަތެކެވެ.