ޚަބަރު

ޕީޖީ ބައްދަލުވުމަށް ވަޑައިނުގެން ފާޑުކިޔުން ގޯސް، ވިޕާއި ޚިލާފްވާނަމަ ފިޔަވަޅު އަޅާނަން: އަސްލަމް


އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުންތަކަށް ވަޑައިނުގެން، ޕީޖީ ގުރޫޕުން ނިންމާ ނިންމުންތަކާއި ގުޅޭގޮތުން ފާޑުވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އައުލަބިއްޔަތު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ލިބިފައެވެ. 65 މެމްބަރުންނާއިއެކު އެމްޑީޕީއަށް މަޖިލީހުގެ ސާފު އައުލަބިއްޔަތު އޮތްނަމަވެސް އެޕާޓީގެ ޕީޖީ ގްރޫޕުން ކަންކަން ނިންމަމުން ދަނީ މަޝްވަރާކުރެވި ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

މިފަހުން މަޖިލީހުގައި ނެގޭ ބައެއް ވޯޓުތަކުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ޕީޖީ ގްރޫޕްގެ ނިންމުންތަކާއި ދަނީ ޚިލާފަށް އަމަލު ކުރަމުންނެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން މިފަދަ ނިންމުތަކުގައި އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު ޕްރިގުރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެޕާޓީގެ ޕީޖީ ގްރޫޕުން ނިންމާ ކޮންމެ ނިންމުމަކީވެސް މަޝްވަރާގެ މަތީން އެފުރުސަތު ކޮންމެ މެމްބަރަކަށްވެސް ލިބޭނެ ގޮތަށް ނިންމާ ނިންމުންތަކެއްކަމަށެވެ.

ޕީޖީ ގްރޫޕްގައި މަޝްވަރާނުކުރެވޭކަމަށް ބައެއް މެމްބަރުން ވިދާޅުވާ ވާހަތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ ކޮންމެ މެމްބަރެއްގެވެސް ކަންބޮޑުވުން އޮންނަ ކަމެއްގައި މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް ޖާގަ އޮންނާނެކަމަށެވެ. ނަމަވެސް އެއްގޮތަށްވެސް ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކަށް ވަޑައިނުގަންނަ މެމްބަރުންނަށް ޕީޖީ ގްރޫޕްގެ ނިންމުންތައް ނޭގުމަކީ އެކަށީގެންވާކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ވިދާޅުވޭ ޕާލިމަންޓްރީ ގްރޫޕްގައި މަޝްވަރާ ނުކުރެވެއޭ. ނަމަވެސް ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމަށް އެއްގޮތަކަށްވެސް ވަޑައި ނުގަންނަވާ ބޭފުޅުންވެސް އެބަތިއްބެވި. ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ވަޑައިގެން އެބޭފުޅެއްގެ ޚިޔާލާއި މަޝްވަރާދެވިގެން މަޝްވަރާގެ ފޯރަމެއްކަމަށް އަޅުގަނޑު ބަލަނީ، ކޮންމެހެން ވަކިކަމެއް ވަކިގޮތަށް ނިންމުމެއް ނޫން އޮންނަނީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިންތަކާއި ޚިލާފްވާނެކަމަށް އެއްވެސް މެމްބަރެއް ވިދާޅުވުމަކީ ޑިމޮކްރަޓިކް ހަމަތަކާއި ޚިލާފްތަކެއްކަމަށެވެ. ކޮންމެ މެމްބަރަކަށްވެސް ޕާޓީ ޓީކެޓް ލިބެނީވެސް ވަކި އިޤުރާރެއްގައި ސޮއިކޮށްގެން ކަމަށްވާއިރު، ޕާޓީގެ މެމްބަރަކަށްވެހުރެ ޕާޓީން ނިންމާ ނިންމާ ނިންމުމަށް ގޮންޖެއްސުމަކީ އެންމެ ތަހުޒީބު ގޮތެއްނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ވިޕްލައިނާއި ޚިލާފްވެއްޖެ ކަމުގައިވާނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ނަސޭހަތް ދިނުމާއި ހަމައިން ފެށިގެން ޕާޓީންދޭ ދަތުރުތައް އުނިކުރުމާއި، ފަހުގެ ފިޔަވަޅު ފިޔަވަޅެއްގެ ގޮތުން ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުވައިގެން ޕާޓީން ވަކި ކުރުމަށް ނިންމުމާއި ހަމައަށްވެސް ބަޔާންކޮށްފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެޕާޓީން ނެރޭ ޓޫލައިން ވިޕްލައިނާއި، ތްރީލައިން ވިޕްލައިނާވެސް ޚިލާފްވާނަމަ އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތޮން މަޝްވަރާކޮށް އިތުރު ބަދަލުތަކެއް ގެނައުމަށްވެސް ނިންމާފައިވާކަމަށެވެ.