ޚަބަރު

ބ.މާޅޮހު ގެތަކަށް ނަރުދަމާ ކަނެކްޝަން ވައްދައި ނިންމާލައިފި


ބ.މާޅޮހުގައި ޤާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެދަށުން ނަރުދަމާ ނިޒާމުގެ މައިހޮޅި ވަޅުލާނިމި ކަނެކްޝަންތައް ގެތަކަށް ވައްދައި ނިންމާލައިފިއެވެ.

މިހާރު ކުރަމުންދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތަކުގެ ބުޑު އެޅުމުގެ މަސައްކަތްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތް އެރަށުގައި ކުރަމުންދަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިންނެވެ.

ބ.އަތޮޅުގައި އެކުންފުނީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ބައްލަވާލެވުމަށް އެރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މިހުރިހާ ރަށުގައި އެމަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާ، އެގޮތުން އެމަސައްކަތައް ބޭނުންވާ ތާއްގީތައް މާޅޮހާއި ކަމަދުއަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

ބުޑުތަކުގެ މަސައްކަތް ނިމުމުން، ތާނގީތައް ރޭވުމުގެ މަސައްކަތް ފެށޭނެކަމަށާ އުންމީދަކީ ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމައި ރައްޔިތުންނަށް މީގެ ފޮނިމީރުކަން ފޯރުކޮށްދިނުންކަމަށް ޝާހް ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން މާޅޮހުގައި ނަރުދަމާގެ މައިހޮޅި އަޅާވަނީ ނިންމާލާފައެވެ. ފެނުގެ މައި ހޮޅި އެޅުމުގެ %96 މަސައްކަތް ނިމިފައިވާއިރު ގެތަކަށް ކަނެކްޝަން ވެއްދުމުގެ މަސައްކަތް އަންނަމަހު ފެށޭނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އެ މަސައްކަތް ނުފެށިވަނީ މަސައްކަތައް ބޭނުންވާ ސާމާނު ލިބުން ލަސްވުމުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.

ފެންރައްކާކުރުމަށް ބަހައްޓާ 3 ތާނގީގެ ތެރެއިން ދެ ތާންގީގެ ބުޑު އަޅައިނިމިފައިވާއިރު އެންމެފަހު ބުޑު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އާރުއޯ އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ޕްލާންޓްތައް ބަހައްޓާ ބެޑްތަކުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ފިރާގު ވިދާޅުވީ އެރަށުގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތައް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެއީ ރައްޔިތުން މި ޚިދުމަތަށް އެދިއެދި ތިބި މިންވަރު ހާމަވާކަން ދައްކައިދޭ މިސާލެއްކަމަށެވެ. އަދި މި ޚިދުމަތް މިއަންނައަހަރު ފެށޭހިސާބަށް ނިންމާލެވޭނޭކަމުގެ އުންމީދު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.