ފާއިތުވި 12 އަހަރު ތެރޭގައި ރާއްޖޭގެ ގެސްޓް ހައުސް އަދި ހޮޓަލްތަކުން އަހަރެއްގެ މައްޗަށް 1300 ނެރެފައިވާކަމަށް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނާޝިދު ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ ތެރެއިން %70 އަކީ ރާއްޖޭގެ ރިސޯޓުތަކަށް އާދެވޭ ފެންވަރުގެ މާލީ ތަނަވަސްކަން ނެތް ބައެއްކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ޖީލުތަކަށް ސިނާޢަތް ފޯރުކޮށްދެވެން ޖެހޭކަން ފާހަގަކޮށް އެމްޑީޕީގެ ޕާލެމެންޓްރީގެ ގްރޫޕުގައި ހުންނަވައި ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް ގެސްޓް ހައުސްގެ ޤާނޫނެއް ގެއްނެވުމަށް ކުރެއްވި މަސައްކަތަށް ނާޝިދު ޝުކުރު އަދާ ކުރެއްވިއެވެ.
ނާޝިދު ވިދާޅުވި ފާއިތުވި 12 އަހަރު ތެރޭ އަހަރެއްގެ މައްޗަށް 1300 އެނދު ގެސްޓް ހައުސް އިންޑަސްޓްރީން ނެރެފައިވާ ކަމަށެވެ.
" ޓުއަރިޒަމަށް 50 އަހަރު ފުރޭއިރު ރިސޯޓް ތަކުގައި ހުރީ 40,053 އެނދު, 50 އަހަރަށް ބަހާލައިފި ނަމަ އަހަރަކަށް ޖެހެނީ 800 އެނދުގެ އިތުރުވުމެއް , ނަމަވެސް ގެސްޓްހައުސް އިންޑަސްޓްރީ އަށް 12 އަހަރު ފުރުނު އިރު 15,562 އެނދާއި އެކު އަހަރަކު އިތުރުވި ރޭޓް މިވަނީ 1300އަށް އަރާފައި. މިކަމުން ދައްކައި ދެނީ އާއްމު ފަރުދުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބިގެން ދާކަމުގެ އަލިގަދަ ހެއްކެތް " ނާޝިދު ވިދާޅުވިއެވެ.
ނާޝިދުގެ އަމިއްލަ ވިޔަފާރިން މިސާލު ނަންގަވައި މިއީ ނަފާވާ ވިޔަފާރިއެއްގެ ގޮތުގައި އަދި ޒުވާން ޖީލަށް ހިތްވަރު ދެއްވަމުން ވިދާޅުވީ، އޭނޭ 2008ވަނަ އަހަރު މި ވިޔަފާރިއަށް ނިކުތީ އެންމެ 24 އެނދާއި އެކު ކަމަށެވެ. ނަމަވެސް މިއަދު 490 އެނދާއެކު ގެސްޓް ހައުސް އިންޑަސްޓްރީގެ އެންމެ އުސް ހަރުފަތަށް ވާސިލުވެފައިވާކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ރޭ ބޭއްވި ގާލާ އިވެންޓުގައި އޭނާގެ ވިޔަފާރިއަށް ޕްރެޒިޑެންޓްސް ޓުއަރިޒަމް ގޯލްޑް އެވޯޑުގެ 2 އެވޯޑެއް ލިބިފައިވެއެވެ. އެއީ ގެސްޓް ހައުސް ދާއިރާއިން ސީއެސްއާރް އެވޯޑު، އަދި މޯސްޓް އިނޮވޭޓިވް ޓުއަރިސްޓް ގެސްޓް ހައުސްގެ އެވޯޑެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދައިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ޕްރެޒިޑެންޓްސް ޓުއަރިޒަމް ގޯލްޑް އެވޯޑުވެސް ލިބިވައިޑައިގެންނެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ވިޔަފާރި އެންމެ ފުޅާވެފައިވާ މާފުށީގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުންނަށް ޓުއަރިޒަމްގެ ހަޤީޤީ ފައިދާ ދުރުނޫން މުސްތަޤުބަލެއްގައި ފެންނާނެ ކަމަށެވެ. މީގެ އިތުރުން މި އިންޑަސްޓްރީއަކީ މީގެ ކުރީން ސަރުކާރުން އެހާ އަހަމީއްޔަތު ކަމެއް ދިން އިންޑަސްޓްރީއެއް ނޫން ނަމަވެސް މިނިސްޓަރ ޑރ.މައުސޫމް މި އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތް ކުރައްވާކަން ނާޝިދު ފާހަގަ ކުރެއްވިއެވެ.
ނާޝިދު ވިދާޅުވީ ގެސްޓް ހައުސްތަކުން މިހާރު އެންމެ އިންތިޒާރު ކުރާ ދުވަހަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވި، ބަޖެޓް އެއާލައިންތަކުން ގެސްޓް ހައުސްތަށް ފުރާލާ ދުވަސްތައް ކަމަށެވެ.