ޚަބަރު

ޝަރީޢަތް ނިމެންދެން އަޙްމަދު އަޝްރަފް ބަންދުގައި ބަހައްޓަނީ


މީހަކަށް ބިރު ދެއްކި މައްސަލާގައި ދައުލަތުން ދައުވާކުރައްވާ ޅ. ހިންވަރު ނައިލޯނުގެ އަޙްމަދު އަޝްރަފުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކުރައްވައިފިއެވެ. ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާ ގާތްގުޅުމެއް އޮންނަ އަޙްމަދު އަޝްރަފުގެ މައްޗަށް ދައުލަތުން އުފުއްލެވި ދަޢުވާގައި ވަނީ އެނާ މިދިޔަ އޮކްޓޯބަރަ މަހުގެ ތެރޭގައި އެކިފަހަރު މަތިން ފޯނާއި ޝޯޝަލް މީޑިއާ މެދުވެރިކޮށް މީހެއްގެ ފުރާނަޔާއި މުދަލަށް ގެއްލުން ދޭނެކަމުގެ އިންޒާރުދީފައިވާކަމަށެވެ. ދައުލަތުގެ ދަޢުވާއަށް އިންކާރުކޮށް، ކޯޓްގައި ވާހަކަދައްކަމުން އަޙުމަދު އަޝްރަފް ބުނީ އެއީ އެނާ ކުރިކަމެއް ނޫންކަމަށެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ ދެން އޮންނަ ދުވަހަކު ހެކިން ހުށައެޅުމަށް ދެ ފަރާތަށް ފުރުޞަތު ދެއްވުމަށްފަހުގައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވަވާނީ ފަނަރަދުވަސް ފަހުންކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވެއެވެ.