ޚަބަރު

ކުޑަކުދިން ކުށްތަކުން ދުރުކުރުމަށްޓަކައި ވޭމަންޑޫގައި ޚާއްސަ ސެންޓަރެއް


ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެދަށުން އުފައްދަން ލާޒިމްކުރާ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޢަލީ ނަޛީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ނަޛީރު ވިދާޅުވީ ރާއްޖޭގައި އެކި ގޮތްގޮތުން ހަވާސާވަމުންދާ ކުޑަކުދިންގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ ގާނޫނު ތަންފީޒު ކުރަންޖެހޭ ހާލަތަކަށް ކުދިން އަޔަނުދިނުން ކަމަށާއި ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކުށް ހުއްޓުވުމުގެ މަސައްކަތް ފެށެންޖެހޭނީ ކުށްކުރުމުގެ މާކުރިން ކަމަށާ ކުށަށް މީހަކު އަރައިގަންނަންހުރި ސަބަބުތައް ބަންދު ކުރަންޖެހެނީ އެސަބަބައްޓަކައި ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔެ ތަސްދީގު ކޮށްފައިއޮތް ގާނޫނާ އެޤާނޫނުގެ ދަށުން ހެދިފައި އޮތް ޤަވާޢިދު ތަންފީޒުކުރުމުގެ އައު މަރުހަލާއަކަށް މި އާދެވެނީ." ޢަލީ ނަޛީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޢިމާރާތަކާއި އެހެން ބައެއް މާއްދީ ވަސީލަތްތައް ޤާއިމްކުރުމަކީ އިޖުތިމާޢީ މައްސަލަތައް ހައްލުވާ ކަމެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ހުޅުމާއެކު މިމައްސަލައިގެ ހަގީގީ މަސައްކަތް ފެށިގެންދާ ހިސާބަށް އާދެވިފައިވާކަމަށެވެ.

"އަޅުގަނޑަށް ހިތްހަމަ ޖެހުމާއެކީގައި ދަންނަވަން ކެރޭ. ސިޔާސަތު ކަނޑައެޅިއްޖެ. ގާނޫނު ހެދިއްޖެ. ގަވާއިދުވެސް ހެދިއްޖެ. އުސޫލުތައްވެސް ލިޔެވިއްޖެ. އިސްލާހު ކުރަންޖެހޭ ކިތަންމެ ކަމެއް އޭގައި އަދިވެސް ހުންނާނެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ނިޒާމެއް ނެތިގެން، އޮނިގަނޑެއް ނެތިގެން މަސައްކަތް ނުކުރެވި އޮތް ޒަމާން ނިމުމަކަށް އައީ." އަލީ ނަޛީރު ވިދާޅުވިއެވެ.

ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވި ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫގެ ދަށުން އުފެއްދަން ޖެހޭ މަރުކަޒެކެވެ. ރެޒިޑެންޝަލް މަރުކަޒަކީ ކުރުމުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށް ގާއިމްކުރަން ގާނޫނުން ލާޒިމްކުރާ މަރުކަޒެކެވެ.

ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ތިބޭ ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ އުމުރާއި ފެންވަރާއި ބަދަލުވަމުންދާ ގާބިލިއްޔަތާއި އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދެވޭނެއެވެ.