ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރަމުންދާ ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވައި ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ޙާލަތްތަކުގައި ރައްޔިތުންގެ ޙިމާޔަތުގައި ސިފައިން ތިބެން ވާނެކަން ފާހަގަކުރައްވާފައެވެ.
ދިވެހިންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަންކަމަށާއި މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު ޢަސްކަރީ ހުނަރުގެ ޙަޤީޤީ ބޭނުން ޤައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި ސިފައިން އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ވެސް އެބަހުރި. އެކަން ތިޔަ ޒުވާނުން ވެސް ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓަންވާނެ. ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތް ކުރުން. ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން އުޅޭ ވަގުތެއްގައި، ނުފެންނަކަމަށް ހަދާފައި ދާ މީހަކަށް ސިފައިންގެ މީހަކު ވެގެން ނުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް ކަމަށް ފާހަގަކުރައްވައި ދިވެހި ސިފައިންވެސް މިދާއިރާއިން ވިސްނުން ގެންގުޅެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންގެ ޚިދުމަތަށް، ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާކަމަށާ އަދި ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ވެސް ދިވެހި ޢަސްކަރިއްޔާގައި ހުޅުވިފައިވާކަމުގައެވެ.
"ހުރިހާ ފަންނުތަކާއި، ހުރިހާ ދާއިރާތަކުގެ މީހުން ސިފައިންގެ ތެރެއަށް ބޭނުންވޭ. އިންޖިނޭރުންނާއި، ޕައިލެޓުންނާއި، ޑޮކްޓަރުންނާއި، އާކިޓެކްޓުންނާއި، އެތުލީޓުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އެނޫން ކިތަންމެ ދާއިރާއެއްގެ ފަންނުވެރިންނާއި ހުނަރުވެރިން ދިވެހި ސިފައިންގެ ތެރޭގައި މިއަދު އެބަތިބި. ސިފައިންގެ މީހަކަށް ވުމަކީ، އެހެނިހެން ދާއިރާތައް އެމީހެއްގެ ކުރިމަތީގައި ބަންދުވާ ކަމެއް ނޫން. ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ސިފައިންގެ ޚިދުމަތަށް މިހާރުވެސް ބޭނުންވޭ. އެފަދަ ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދިވެހި ޢަސްކަރިއްޔާ މަރުޙަބާ ކިޔާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްހަ ދެމެހެއްޓުމަށްކަން ފާހަގަކުރައްވައި މިސަރަޙައްދުގެ ޢަސްކަރިއްޔާތައްވެސް އިސްކަންދެނީ ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ޢަސްކަރިއްޔާވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރާ ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެއެވެ. މި ދަރިވަރުންނަށް ހުވާލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ސުލައިމާން މުޙައްމަދެވެ.