ޚަބަރު

މޫސުން ގޯސްވެ ބްރިޖް ޕްލެޓްފޯމް ނެގުން މަޑުޖެހިފައި


ވިލިމާލޭ ބްރިޖްގެ މަސައްކަތްކުރަމުންދިޔަ ޕްލެޓްފޯމް ފުން ނުކުރެވެނީސް މޫސުން ގޯސްވުމާއި ގުޅިގެން މަސައްކަތް މެދުކަނޑާލަންޖެހިއްޖެއެވެ.

ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވިދާޅުވީ ޕްލެޓްފޯމް ފުން ކުރުމުގެ މަސައްކަތް އިއްޔެގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވެ އެސަރަޙައްދުގެ އޮއި ބާރުވުމުގެ ސަބަބުން ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ހުއްޓާލަންޖެހިފައެވެ. މިމަސައްކަތް ކުރަމުންދާ އެފްކޮންސްއިން ބުނީ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް މޫސުން ރަނގަޅުވުމާއެކު އަނެއްކާވެސް ފަށާނެކަމަށާއި އެކަމަށް ޓީމުތައް ތިބީ ތައްޔާރީ ޙާލަތުގައިކަމަށެވެ. މޫސުން ގޯސްވުމުގެ ކުރިންވެސް އެސަރަޙައްދުގެ އޮއި ބާރުވުމުގެ ސަބަބުން ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ކުރަމުންދިޔައީ އޮއި މަޑުވާ ގަޑިތަކަށް ބަލައިގެންނެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފަރަށް އެރީވެސް އެސަރަޙައްދުގެ އޮއެބާރުވެ ބްލެޓްފޯމްގެ ނަގިލި ތިރިކުރަން އުޅުމުގެ ތެރޭގައި ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ގޮތުގައި ޕްލެޓްފޯމްގެ ނަގިލީގައި ހިމެނޭ ދަގަނޑެއް ވިލިމާލޭ ފަރަށް ވަދެފައިވާކަމަށާއި އެދަގަނޑު ނުނަގާ ފުންކުރުމުގެ މަސައްކަތް ކުރާނަމަ ފަރަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން އީޕީއޭއިންވެސް ޕްލެޓްފޯމް ފުން ނުކުރެވި ލަސްވަމުންދާތީ އެކަން ފާހަގަކޮށްފައެވެ. އަދި ޕްލެޓްފޯމް ފުންކުރެވުނުހާ އަވަހަކަށް މިޙާދިސާގައި ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސަރވޭ ފަށާނެކަމަށް އީޕީއޭއިން ވިދާޅުވެއެވެ. ފަރަށް އެރުމުގެ ސަބަބުން ޕްލެޓްފޯމް ހަލާކުވެ އޭގެ ބައެއް ބައިތައް އަންނަނީ ވިލިމާލެއަށް ލައްވަމުންނެވެ.