ބ.ތުޅާދޫގައި ސަރުކާރުން އިމާރާތް ކުރާ 100 ހައުސިންޔުނިޓުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރާ ހަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
މި މަސައްކަތް މި އަހަރުގެ މެއިމަހަށް ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަން ނުވީ މަސައްކަތް ކުރުމުގައި ދިމާވި އެކި އެކި މައްސަލަތާ ގުޅިގެންކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.
ތުޅާދޫގައި ހަދާ 100 ހައުސިން ޔުނިޓްގެ މަސްރޫޢަކީ އެރަށަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެގޮތުން މިސަރުކާރުން އެރަށުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. މި 100 ހައުސިން ޔުނިޓްގެ މަސައްކަތުގެ ދަށުން މި 100 ގޭގެ ފައުޑޭޝަން ވަނީ އަޅާ ނިންމައި 86 ގެއެއްގެ ރޭނުމުގެ މަސައްކަތްވެސް ނިންމާފައެވެ. އަދި އިން ވަކިކުރުމަށް 38 ގެއެއްގެ ވަށައިފާރު ރާނައި ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މިގެތަކުގެ އިތުރު މަސައްކަތްތަކަށް ބަލާއިރު، 58ގެ ހިޔާކޮށްނިމި، 38 ގެއެއްގެ ފިނިޝިން މަސައްކަތް ކުރަމުންދާކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.
ތުޅާދޫ ކައުންސިލުން ބުނީ މިއަހަރު ނިމޭ ހިސާބަށް މަސައްކަތް ނިންމާލެވޭނެކަމަށް ކޮންޓެކްޓަރ ބުނިނަމަވެސް އެކަން ވެދާނެކަމަށް ކައުންސިލަށް ނުފެންނަކަމަށެވެ. އެއީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު މަސައްކަތް ކުރުމުގައި ލަސްތަކެއް ކުރިމަތިވަމުން އަންނާތީކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.
"ވިއްސާރަ ވުމުގެ ސަބަބުން ރާނާ ސިމެންތި ޖެހުންފަދަ މަސައްކަތް ނުކުރެވޭ، އަދި ވައިގަދަ ވުމާ ގުޅިގެން ފުރާޅު އެޅުމާ އިމާރާތްތަކުގެ މަތީގައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ލަސްކޮށްްދަނީ" ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.
މި 100 ހައުސިން ޔުނިޓް ހޯދުމަށް ހުށައަޅާ ފޯމްތައް ދޫކޮށް ނިމިފައިވާކަމަށްވެސް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި މި ފޯމްތައް ވިލަރެސް ކުރުމުގެ މަސައްކަތް ފެށުމަށް ވިލަރެސްކޮމެޓީ މަސައްކަތް ކުރަމުންދާކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.
މިއީ ތުޅާދުއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތެވެ. އިތުރުން 2012ވަނަ އަހަރު އެރަށުގައި އަޅަންފެށި 100 ހައުސިން ޔުނިޓްގެ ތެރެއިން 50ހައުސިން ޔުނިޓް ނިންމާ 2020ވަނަ އަހަރުވަނީ އެ ފްލެޓްތައް ގުރުއަތުން ހޮވުނު ފަރާތްތަކާ ހަވާލުކޮށްފައެވެ. މިހާރު އެރަށުގައި އަޅާ 100 ހައުސިން ޔުނިޓް ނިމުމުން އެރަށަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމަށް ހައްލު ލިބިގެންދާނެކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.