"ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ހއ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި ކުރިއަށް އަންނަ އާދީއްތަ ދުވަހު ދުވަހު ރަސްމީކޮށް ފެށުމަށް އެމްޓީސީސީން ނިންމައިފިއެވެ.
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ޚިދުމަތް ހއ.އަތޮޅުގައި ފެށުމުން، ޒޯން 1ގައި ހިމެނޭ ށ.އަތޮޅު ފިޔަވައި ހއ.އަދި ހދ އަތޮޅުގައި ޚިދުމަތް ފެށުނީކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އަގުނަގައިގެން ރަސްމީކޮށް ޚިދުމަތްފެށުމުގެ ކުރިން ހއ. އަތޮޅުގެ ރަށްތަކަށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާއި ހަމައަށް އާރްޓީއެލްގެ ދަތުރުތައް ކޮށްދިނުމަށް ނިންމާފައިވަނީ މުޅިން ހިލެއެވެ. އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްސަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުންކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ދަތުރުތަކުގެ އަގުތައް ހުންނާނީ 35 ރުފިޔާއާއި، 100 ރުފިޔާއާއި ދެމެދު ކަމަށެވެ. އަދި އާރްޓީއެލްގެ ޚިދުމަތް އަގުނަގައިގެން ކުރުމަށް ރަސްމީކޮށް ފެށުނު ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރެޖިސްޓަރވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އާރްޓީއެލްގެ ޚިދުމަތް ހަފްތާއެކު ހަތް ދުވަހު 5 ސްޕީޑް ފެރީ މެދުވެރިކޮށް 8 ރޫޓަކުން ދޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދުމަށް އަންނަ ހުކުރު ދުވަހުން ފެށިގެން ޓިކެޓް ބަލައިގަތުމަށް ބޭނުންވާ ކަސްޓަމަރުން އެމްޓީސީސީން އެކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓް https://www.rtl.mv އަދި މޯބައިލް އެޕް RTL Travel App މެދުވެރިކޮށް ޓިކެޓް ބަލައިގަނެވޭނެއެވެ. އާރްޓީއެލްގެ ޚިދުމަތާއި ގުޅޭ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ލިބިގެންދާނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ އެކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމުން ލިބޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ، ހިލޭ ދަތުރުކުރެވޭ މުއްދަތު ހޮނިހިރު ދުވަހާއި ހަމައަށް ހަމަވާނެކަމަށާއި، އެއަށްފަހު ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލާނެކަމަށެވެ. އެމްޓީސީސީގެ އެންމެ ބޮޑު މަގްސަދަކީ އެކަށީގެންވާ އަގުތަކުގައި ލުއިފަސޭހަ ކަމާއިއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ފެށީ މި ޖޫން މަހުގެ 12 ވަނަ ދުވަހު ހދ.އަތޮޅުންނެވެ. ހދ.އަތޮޅުގެ 13 ރަށެއްގައި ކޮންމެ ދުވަހަކު ފެރީގެ ޚިދުމަތް މިހާރު އަންނަނީ ދެމުންނެވެ.