އެމްޓީސީސީއަކީ މިއަދު ރިއަލްއެސްޓޭޓް މަސައްކަތްތައް ހިންގޭ ފެންވަރުހުރި ކުންފުންޏެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ވިދާޅުވީ، މި ދާއިރާއަށް ވަނުމަށް އެ ކުންފުނީގައި ވަސީލަތްތަކާއި މުވައްޒަފުންވެސް އެބަތިބިކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ ދަތުރުފަތުރާއި އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްކުރާ ކުންފުންޏެއްކަމަށެވެ. ރާއްޖޭގެ ކޮންޓްރެކްޓިންގ ބޮޑެތި މަސައްކަތްތަކެއް މިހާރުވެސް އެމްޓީސީސީން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތުވެސް ހައުސިންގެ ބައިވަރު މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 25000އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ރާއްޖެއަށް މިހާރުވެސް ބޭނުންވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްޓީސީސީފަދަ މުވައްޒަފުންނާއި ވަސީލަތްތައް ގިނަ ކުންފުންޏަކަށް މިފަދަ މަސައްކަތްތައް ކުރެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެކުރިން މިފަދަ މަޝްރޫއުތައް ހިންގަނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުން އައިސްގެންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މި މަސައްކަތް ރާއްޖޭގެ ކުންފުންޏަކުން ކުރުމުން ރާއްޖޭގެ އިޤްތިޞާދަށްވެސް މާފައިދާ ކުރާނެކަމަށެވެ. އެމްޓީސީސީފަދަ މިފަދަ ވަސީލަތްތައް ގިނަ ކުންފުންޏެއްގެ ފައިދާ ޤައުމަށް ބޭނުން ހިފަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ބޭރުގެ ބޮޑެތި ކުންފުނިތައް އައިސް މިތަނުގައި ބޮޑެތި ހައުސިންގ ޔުނިޓްތައް ހަދާފައި ރާއްޖެއިން ހުރިހައި ފައިސާއެއް ގެންދިއުމަށްވުރެ މާރަނގަޅުތާއޭ ދިވެހިރާއްޖޭގައި މިތިބި ބޮޑެތި ކުންފުނިތައް ޙާއްސަކޮށް އެމްޓީސީސީން ކޮންޓްރެކްޓިންގ ކުންފުންޏަކަށް ވާތީވެ އަޅުގަނޑުމެން އެ މަސައްކަތްތަކުގެ ތެރެއަށް ވަދެ ދިވެހިރާއްޖެއިން ބޭރުވާ ފައިސާ ދިވެހިރާއްޖޭގައި ހިފެހެއްޓި ދިވެހިރާއްޖޭގައި ވަޒީފާތައް އުފެދި އަދި ދިވެހިން އަޅާ ފޮލެޓްތައް ދިވެހިންނަށް ލިބުނީމަ މާ ހިތްފަސޭހަތާ. ހިތްގައިމު ކަމެއްތާ އެއީ ކުރަންވެސް." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީގެ ވިޔަފާރި ފުޅާކޮށް ބޮޑެތި ބްރިޖްތަކާއި ބޮޑެތި ކޯޒްވޭތަކާއި، ހައުސިން ޔުނިޓްތައް ހެދުމުން އޭގެ ފައިދާ އެކުންފުނީގެ ހިއްސާދާރުންނަށްވެސް ކުރާނެކަމަށެވެ. އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި މިހާރުވެސް 24000 ދިވެހިން އެބަތިއްބެވެ. އާޒިމް ވިދާޅުވީ، ކުންފުނީގެ މަސައްކަތްތައް ފުޅާވެގެންދާއިރު މިއިން ކޮންމެ ހިއްސާދާރަކަށް މި މަސައްކަތުގެ ތެރެއިން ކޮންމެ އަހަރެއް ނިމޭއިރު ފައިސާ ލިބޭނެކަމަށެވެ. ނަމަވެސް ބޭރުގެ ކުންފުނިތަކަށް މި މަސައްކަތް ހަވާލުކުރުމުން މި ފައިސާވެސް ލިބޭނީ ބޭރުމީހުންނަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަހަރުން އަހަރަށް އެމްޓީސީސީއަށް ލިބެމުން އަންނަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ. 2020ވަނަ އަހަރު އެމްޓީސީސީއަށް 224 މިލިއަނުގެ ފައިދާވަނީ ވެފައެވެ. 2021ވަނަ އަހަރު 270 މިލިއަނުގެ ފައިދާވެފައިވާއިރު މިއަހަރު އެމްޓީސީސީގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއާއެކު އަހަރު ނިންމާލުމެވެ.