ހައިކޯޓުން ނިންމަވާ ދުސްތޫރީ ނިންމެވުންތަކަކީ، ޞައްޙަ ނިންމެވުންތަކެއްތޯ ބެއްލެވުމަށް ސުޕްރީމްކޯޓަށް ހުށައެޅުއްވުން ލާޒިމުކަމަށް ކަނޑައަޅުއްވައިފިއެވެ.ސުފްރީމް ކޯޓުން ނެރުއްވައިފައިވާ ސަރކިއުލަރއެއްގައި ވިދާޅުވެފައިވަނީ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވައިދެއްގެ ބައެއް ބާޠިލުކަމަށް ހައިކޯޓުން ޙުކުމްކުރައްވައިފިނަމަ އެނިންމެވުމަކީ ނިހާއީ ނިންމެވުމެއްކަން ސުޕްރީމް ކޯޓަށް ހުށައަޅައިގެން ކަށަވަރު ކުރައްވަން ޖެހޭނެކަމަށެވެ.ހައިކޯޓުން އެފަދަ މައްސަލައެއް ނިންމަވާތާ 10 ދުވަހުގެތެރޭގައި މައްސަލައާ ގުޅުން ހުރި ލިޔެކިއުންތައް ސުޕްރީމް ކޯޓަށް ހުށައަޅުއްވަންޖެހޭނެ ކަމަށް މިސަރކިއުލަރގައިވެއެވެ. އަދި ބަންޑާރަނައިބު ނުވަތަ މިފަދަ މައްސަލައެއް އިސްތިއުނާފް ކުރުމުގެ ހައްޤު ލިބިގެންވާ ފަރާތަކުން 30 ދުވަސް ތެރޭގައި މައްސަލަ އިސްތިއުނާފް ކުރެއްވުމަށް ސުޕްރީމް ކޯޓަށް ހުށައަޅަންޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ. މިމުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަނައަޅުއްވައިފިނަމަ ބަންޑާރަނައިބާއި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގެވުމާއެކު، ހައިކޯޓުން ނިންމެވި ނިންމެވުމަކީ ނިހާއީ ޙުކުމެއް ކަން ކަށަވަރު ކުރެއްވުމަށްޓަކައި އިޖްރާއީގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ސުޕްރީމް ކޯޓުން އިސްނަންގަވައިގެން އަޅުއްވަމުން ގެންދަވާނެކަމަށް މި ސަރކިއުލަރގައިވެއެވެ.ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވުމުގެ ކުރިން ހައިކޯޓުން ނިންމަވާ ދުސްތޫރީ ނިންމެވުންތައް އިސްތިއުނާފް ކުރެއްވުމާއި ނުކުރެއްވުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.އެހެންނަމެވެސް ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވުމާއެކު ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ބައެއް އުނިކުރެއްވުމަށް ނުވަތަ ބާޠިލް ކުރެއްވުމަށް ހައިކޯޓުން ކުރައްވާ ޙުކުމް ތަންފީޒުކުރެވެން ފަށާނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުއްވުމުންނެވެ.