ވިޔަފާރި

މަޓާޓޯގެ ކުރިއަށްއޮތް ދައުރުގެ ރައީސްކަމަށް ޤިޔާސް


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް އަބްދުﷲ ޤިޔާސް ރިޔާޒް އައްޔަންކޮށްފިއެވެ. މި މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ މަޓާޓޯއިން ރޭބޭއްވި އެ ޖަމްޢިއްޔާގެ އަހަރީ ޢާންމު ޖަލްސާގައެވެ. މިދިޔަ ދައުރުގައި މަޓާޓޯގެ ރައީސްގެ މަޤާމު ފުރުއްވާފައިވަނީ އަބްދުﷲ ސުއޫދުއެވެ.

ޢަބްދުﷲ ޤިޔާސް ވަނީ މީގެ ކުރިންވެސް މަޓާޓޯގެ ރައީސްގެ މަޤާމު ފުރުއްވާފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ އެ ޖަމްޢިއްޔާގެ ނައިބު ރައީސްގެ މަޤާމުގައެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށްއޮތް 4 އަހަރަށް ޖަމިއްޔާގެ ރައީސްގެ އިތުރުން ނައިބު ރައީސުންނާއި ބޯޑު މެންވަރުން ވަނީ ހޮވާފައެވެ. އެގޮތުން ނައިބު ރައީސުންގެ ގޮތުގައި ހޮވިފައިވަނީ މުޙައްމަދު ހަލީލާއި، މުޙައްމަދު ޝާޒް ވަލީދެވެ.

މި ރަސްމިއްޔާތުގައި މަޓާޓޯގެ ކުރިއަށްއޮތް ދައުރަށް ރައީސްގެ މަޤާމަށް އައްޔަންކުރި ޢަބްދުﷲ ޤިޔާސް ވަނީ އެ ޖަމިއްޔާއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި، ކުރިއަށް ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން އެންމެ އިސްކަމެއްދެއްވާނީ ޖަމިއްޔާގެ މާލީ ހާލަތު ރަނގަޅުކުރުމަށްކަމަށް ޤިޔާސް ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޤިޔާސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު ލޯކަލް ޓްރެވެލް އެޖެންޓުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްދެމުންދާ މަސައްކަތް ބަލައިގަންނަ މިންވަރު ދަށްކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގައި ލޯކަލް ޓްރެވެލް އެޖެންސީތައް ބޮޑު ރޯލެއް އަދާކުރާކަން ފާހަގަކުރައްޗައި އޭނާ ވިދާޅުވީ، 2012ވަނަ އަހަރު މަޓާޓޯއާއި، ޔޫއެންޑީޕީއާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މީރާގެ އެހީތެރިކަމާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ލޯކަލް ޓްރެވެލް އެޖެންޓުންގެ ދައުރު ދެނެގަތުމަށް ދިރާސާއެއްކޮށްފައިވާކަމަށެވެ.

މި ދިރާސާގެ ތެރެއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %25 ހިއްސާކުރަނީ ލޯކަލް ޓްރެވެލް އެޖެންސީތައްކަން ދެނެގަނެވިފައިވާކަމަށް ގިޔާސް ވިދާޅުވިއެވެ. އެއީ ރާއްޖެއަންނަ ފަތުރުވެރިންގެ 4 ބައިކުޅަ އެއްބައިކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ކޯވިޑް-19 ގެ ސަބަބުން މިދިޔަ 2 އަހަރު އެ ޖަމިއްޔާއަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރުގެ ތެރޭގައި މި ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން ވަނީ ފާހަގަކޮށްފައެވެ.