ކުޅިވަރު

ފަސޭހަ މޮޅަކާއެކު ފޭދޫ ފައިނަލަށް


ފަސޭހަ މޮޅަކާއެކު މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލްގެ ދެވަނަ ޖާގަ އައްޑޫ ސިޓީގެ ފޭދޫ ހޯދައިފިއެވެ. ފޭދޫ ފައިނަލުން ޖާގަ ހޯދީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި 5-1 ގެ ބޮޑު ތަފާތަކުން ށ.ފޯކައިދޫ ބަލިކޮށްގެންނެވެ.ޒޯން ދޭއްގެ ޗެމްޕިއން ފޯކައިދޫކޮޅަށް، ޒޯން އަށެއްގެ ޗެމްޕިއަން ފޭދޫން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އިބްރާހީމް މަހުދީ ހުސެއިންއެވެ. މެޗުގެ ފުރަތަމަ ތިން ލަނޑު ޖެހީ އޭނާއެވެ. މަހުދީ ހެޓްރިކް ފުރިހަމަ ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ފޭދޫގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ބަދަލުކުޅުންތެރިޔާ އިބްރާހީމް މުޙައްމަދެވެ. އޭނާ ލަނޑުޖެހީ ކުޅެން ނިކުއިންތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އެއީ ފޭދޫގެ ޤާނާ ފޯވާޑް ޖޯޖް ފޮނުވާލި ބޯޅަ ފޯކައިދޫ ކީޕަރު މުޙައްމަދު އަގީލް އަތުގައި ޖެހިފައި ނިކުތް ބޯޅައިންނެވެ.ފޭދޫ ޓީމްގެ އަހުމަދު ރަފީއު ލަނޑެއް ޖަހައިފައިވަނިކޮށް، ފޭދޫގެ ފަސްވަނަ ލަނޑު ޖެހީ ބަދަލުކުޅުންތެރިޔާ އިސްމާއީލް އަލީފް އަހުމަދުއެވެ. މީގެއިތުރުންވެސް މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ފޭދޫ ޓީމަށް ލިބުނެވެ. ޚާއްޞަކޮށް ޤާނާގެ ފޯވާޑަށް ލިބުނ ފުރުޞަތުތައް ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް ފޯކައިދޫ ޓީމަށް މެޗުގައި ލަނޑުޖަހާނެ ފުރުޞަތުތަކެއްވެސް ތަނަވަސްކުރެވިފައެއްނުވެއެވެ.ފޭދޫ މެޗުން މޮޅުވިއިރު އެޓީމްގައި ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު ހަތަރުވަރަކަށް ކުޅުންތެރިން ހިމެނެއެވެ. އޭގެތެރޭގައި ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމްގައި ހިމެނުނު އަހުމަދު ސައީދު ( އައްމަޓީ ) ހިމެނެއެވެ.މުބާރާތުގެ ފައިނަލްގައި ފޭދޫ ވާދަކުރާނީ ޒޯން 7 ގެ ޗެމްޕިއަން ފަރެސްމާތޮޑާއާއެވެ. އެމެޗު ކުޅޭނީ އަންނަ އބުދަ ދުވަހުއެވެ. ހަވީރު 3:45 ގައި ފަށާ އެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ. އޭގެކުރިން އަންނަ އަންގާރަ ދުވަހު މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނެއެވެ. އެމެޗުގައި ވާދަކުރާނީ އޭދަފުއްޓާއި، ފޯކައިދޫއެވެ. އެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.