ޚަބަރު

މަސައްކަތް މިކުރަނީ ރިސޯޓުތައް ބަންދުނުކޮށް، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން - ޑރ.މަޢުސޫމް


މިވަގުތު މަސައްކަތްކުރަމުން ދަނީ ރިސޯޓުތައް ބަންދުނުކޮށް، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މައުސޫމް ވަނީ ހާޒިރުކޮށްފައެވެ. މި ޖަލްސާގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ޢަލީ ވަނީ ދައުލަތަށް ބިމު ކުލި ނުދައްކާ ރިސޯޓުތަކާމެދު ޢަމަލުކުރަން މިނިސްޓްރީން ނިންމާފައިވާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓރ ޑރ.މަޢުސޫމް ވިދާޅުވީ ރިސޯޓުތަކުން ނުލިބި ހުރި ފައިސާ ހޯދުމަށް ރިސޯޓުގެ ލައިސެންސް ބާޠިލްކޮށް، ރިސޯޓު ބަންދުކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ވިސްނުން އަދި ނެތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އުސޫލުގެ ދަށުން ނޯޓިސްވެސް ދެމުންދާ ކަމަށެވެ. އެގޮތުން ދައުލަތަށް ބިމު ކުލި ނުދައްކާ 18 ރިސޯޓަކަށް މިޙާރު ނޯޓިސް ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޯޓިސް ދިނުމަށްފަހު ޓޫރިޒަމް މިނިސްޓްރީއަށް އެބަ އޮވޭ އިހްތިޔާރު އެތަނުގެ ލައިސެންސް ހިފެހެއްޓުމުގެ، އެތަން ބަންދު ކުރުމުގެ، އެކަމުގެ އެއީ ރާއްޖޭގެ މުޅި އިޤްތިސާދަށް ވިސްނާއިރު، އެއީ އެންމެ ރަނގަޅު ސޮލޯޝަން ކަމަށް ނުފެންނާތީ އެތަންތަނާއި މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދާއިމަށް އެފަދަ ލުޔެއް ދީގެން ނުތިބެވޭނެކަމަށެވެ. އަދި އެފަދަ ފިޔަވަޅުތައް އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅުތައްވެސް އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިކަންތަކަކީ ދާއިމަށް އެގޮތަށް ކުރެވޭނެ ކަމަކަށް ނުވާނެ،. ދައުލަތަށް ލިބެންޖެހޭ ފައިސާ، ނުލިބެންޏާ އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުގެ ހައްޤުގައި ރައްޔިތުންގެ ހައްޤުގައި އަޅަންޖެހޭނެ، އެހިސާބަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެހިސާބަށް ގެންދާނަން، އެހެން ނަމަވެސް މިވަގުތު މަސައްކަތްކުރަނީ އެތަން ބަންދުނުކޮށް އެކަން ކުރެވޭތޯ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރވަނީ ދައުލަތަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުންކަން ފާހަގަކުރައްވާފައެވެ. އަދި ޓޫރިޒަމް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ޢާއްމުކުރަން މީރާއިން އެކުލަވާލާފައިވާ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން މީރާގެ ޓެކްސް ސެންޓަރުގެ ބޯޑުގައި 12 ރިސޯޓުގެ ނަން ވަނީ އާއްމުކޮށްފައެވެ. މީގެތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެއެވެ.