ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވައި، ވެރިވެގަނެފައިވާ ބިންތަކުން ޔަހޫދީ ސިފައިން ބޭލުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަން ލުބްނާންގެ ބޮޑުވަޒީރު ނަވާފް ސަލާމް ހާމަކުރައްވައިފިއެވެ. މި ކަމާ ގުޅޭ ގޮތުން ޔަހޫދީ ދައުލަތާ މަޝްވަރާކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން އެޕްރީލު 14 ވަނަ ދުވަހު ވޮޝިންގްޓަނުގައި ބޭއްވުމަށް ނިންމާފައިވާ ކަން ލުބްނާން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބައިރޫތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސަލާމް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުވައި، ހައްޔަރުކޮށްފައިވާ އަސީރުން މިނިވަންކުރުވުން ކަމުގައެވެ. ޞަޔްހޫނީ ދައުލަތުގެ ނިރުބަވެރި ފައުޖުން އެންމެ ފަހުން ލުބްނާނަށް ޙަމަލާދޭން ފެށީ މާރިޗު 2 ވަނަ ދުވަހުއެވެ. އެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,055 އަށް އުފުލިފައެވެ. އަދި، އިތުރު 6,600 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޢުދުވާންތައް ވަރުގަދަ ކޮށްފައި ވަނީ، އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ އެކުގައެވެ.
1975 ވަނަ އަހަރު ލުބްނާންގައި ފެށި ދާޚިލީ ހަނގުރާމައަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ސަލާމް ވިދާޅުވީ، ޔަހޫދީ ސިފައިން ވެރިވެގަނެފައިވާ ލުބްނާންގެ ދެކުނުގެ ބިންތަކުން އެ މީހުން ބާލައި، އެ ސަރަޙައްދުތައް އަލުން އާބާދުކޮށް، ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ނަމަވެސް، ލުބްނާންގެ ރައްޔިތުން ޝަހީދުކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިނުލާނެ ކަމުގައި ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ހަތިޔާރު ބެހެއްޓުމަށް އިންކާރުކުރާ ނަމަ، ޢުދުވާންތައް ހުއްޓައިނުލާނެ ކަމުގައި އޭނާ ބުނެފައިވާއިރު، ވޮޝިންގްޓަނުގައި ޔަހޫދީންނާ ބައްދަލުކުރުމަށް ލުބްނާން ސަރުކާރުން އެއްބަސްވުމުން ޙިޒްބުالله އިން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ.