ބޭންކަ އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ލިމިޓް ވަރަށް އަވަހަށް ބޮޑުކުރައްވާނެކަމަށް އެބޭންކުގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ. ޓިމް މިހެން ވިދާޅުވީ، ބީއެމްއެލްގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޓިމް ވިދާޅުވީ، ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ ޓްރާންސެކްޝަންތައް ހެދުމަށް ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ ގިނަ ކަސްޓަމަރުންގެ ހިތްހަމަނުޖެހުން އޮތް ކަމެއްކަމަށެވެ. އެ ލިމިޓް، އަވަސް މުސްތަގުބަލެއްގައި ބޮޑުވާނެކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ސެޕްޓެމްބަރ 2020ގައި ބީއެމްއެލްއިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭނެ ވަކި ލިމިޓެއް ކަނޑައަޅާފައެވެ. ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅިއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެ ޢަދަދު 500 ޑޮލަރަށް އިތުރުކޮށްފައެވެ.
ބޭންކުން އެންމެ ފަހުން ކްރެޑިޓް ކާޑު ލިމިޓް ބޮޑުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭރު ވަނީ ކްރެޑިޓް ކާޑު ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފައެވެ.