ޚަބަރު

ބ.ހިތާދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


ބ.ހިތާދޫ ބަނދަރު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހިތާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާއެވެ.

އެމްޓީސީސީން ބ.ހިތާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު މިއަދު ވަނީ އެރަށަށް ގެންގޮސްފައެވެ. އެމްޓީސީސީއާ ހަވާލާދީ ހިތާދޫ ކައުންސިލުން ބުނީ ބަނދަރުގެ މަސައްތަ މިމަހު ފަހުކޮޅު ފެށޭވަރުވާނެކަމަށެވެ.

މި މަސައްކަތުގެ ދަށުން ބަނދަރުގެ ބޭރު ތޮށިލާ ރިވެޓްމަންޓްއެއް ޖަހާނެއެވެ. އަދި ބަނދަރު ބޮޑު ކުރުމުގެ ގޮތުން 100 ފޫޓް ފުޅާކޮށް ނެރު ފައިކަށިޖަހާ ބަނދަރު ފުންކުރުމުގެ މަސައްކަތާ ބަނދަރު ހިމެނޭ ސަރަހައްދުގައި މަގު ބައްތިޖަހާ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން ހިތާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 17.7 މިލިއަަން ރުފިޔާއަށެވެ. އެ ބަނދަރުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިހާރު ހިތާދޫ ބަނދަރުގެ ބޮޑުމިނަކީ 700 ފޫޓް 200 ފޫޓެވެ. މިބަނދަރު ފުޅާކުރާނީ 100 ފޫޓްގެ ސަރަހައްދެއްކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ.

ހިތާދޫގައި މިހާރު ހަދާފައި އޮތް ބަނދަރަކީ 2009 ވަނަ އަހަރު އޭރުގެ ސަރުކާރުން ތަރައްޤީކުރި ބަނދަރެކެވެ.

ބަނދަރުގެ މަސައްކަތާއެކު ހަދަން ނިންމާފައިއޮތް ބޭރު ތޮށީގެ މަސައްކަތް ނުނިންމުގެ ސަބަބުން ކަނޑު ގަދަވާ ދުވަސްތަކުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމަށް ޕީއެސްއެމް ނިއުސްއަށް ބަނދަރާ ގުޅޭ މައުލޫމާތު ޙިއްސާކުރަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަކިން ހާއްސަކޮށް އިރުވައި މޫސުމުގެ ގަދަ ދުވަސްތަކާ އުތުރުން ވައި ޖެހި ކަނޑު ގަދަވާ ދުވަސްތަކުގައި ފަޅަށް ރާޅު ވައްދާތީ މަސްވެރިންނާ އޮޑިވެރިންގެ ޝަކުވާ ކައުންސިލަށް ލިބޭކަމަށެވެ.

ކައުންސިލުން މިކަން ވަނީ ރައީސުލްޖުމްޙޫރިއްޔާގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިތާދޫ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތުގެ ތެރޭގައި ބަނދަރުގެ ވާހަކަވެސް ވަނީ ޙިއްސާކޮށްފައެވެ.

ހިތާދޫ އަކީ މަސްވެރިބަޔަކު ދިރިއުޅޭ މިރަށަކީ ގިނައަދަދެއްގެ މަސްވެރިކަމުގެ ބޮޑެތި އުޅަނދުތައް އައިސްއެޅުމަށް ދާރަށެއްކަމުން ބޭރު ތޮށި ހަދާ ނިމި ބަނދަރު ފުޅާ ކުރުމުން މިކަމަށް ހައްލު ލިބިގެންދާނެކަމަށް އެރަށޫ ކައުންސިލުން ދެކެއެވެ.