ވިޔަފާރި

އޭ.އައި.އައި.ބީގެ ޑިރެކްޓަރުންގެ ބޯޑަށް މިނިސްޓަރ ސަޢީދު


އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު އޭ.އައި.އައި.ބީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދަށް ލިބިވަޑައިގެންފިއެވެ.އޭ.އައި.އައި.ބީ އިފްތިތާހުކުރުމަށް ޗައިނާގައި ބޭއްވި ބައްދަލުވުންތައް ނިންމާވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެ ފަދަ ޤައުމެއްގެ ބޭފުޅަކަށް ސަރަހައްދީ ބޭންކެއްގެ ޑިރެކްޓަރުކަން ލިބިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.އޭ.އައި.އައި.ބީގެ އިންޓެރިމް ޕީރިއަޑް އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުން، އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވުމަށް މިނިސްޓަރު ސަޢީދަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.މުޢިޒް ވިދާޅުވި ގޮތުގައި އެ ބޭންކުގެ ޑިރެކްޓަރުންގެ މަޤާމް ރާއްޖެއަށް ލިބުމުން، ރާއްޖެއިން ހިންގާ އެކި މަޝްރޫއުތަކަށް އޭ.އައި.އައި.ބީއިން ލޯނު ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.އޭ.އައި.އައި.ބީއަކީ އޭޝިއާގެ ޤައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަހައްދީ އެހެން ބޭންކުތަކާއި ގުޅިގެން، އޭޝިއާގެ ޤައުމުތަކުގެ އިޤްތިސާދީ ތަރައްޤީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ ބޭންކެކެވެ. މި ބޭންކުގެ ރައުސުލްމާލަކީ 100 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ވޯލްޑް ބޭންކުގެ ރައުސުލްމާލުގެ ދެ ބައި ކުޅަ އެއްބަޔާއި އެއްވަރުގެ ޢަދަދެކެވެ.